ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ގާނޫނީ ވަކީލު މުހައްމަދު ފަރީދު އޭނާގެ ނަންއަނބުރާ ގެންދަވައިފި އެވެ.

ބަންޑާރަ ނައިބު މުހައްމަދު އަނީލްއަށް ފަރީދު މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެ އިންތިޚާބު ބާއްވާ ތާރީޚު ބަންޑާރަ ނާއިބް އޮފީހުން އިއުލާންކޮށްފައި ވަނިކޮށް އެ އިއުލާންގެ ވަގުތު ހަމަވުމަށްފަހު ޝަރުއީ އެއްވެސް އަމުރެއް ނެތި ބަންޑާރަ ނައިބުގެ އަމިއްލަ އިސްނެގުމުގެ މަތިން އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

އެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައި ވަނިކޮށް އަލުން އެ މުއްދަތު އިތުރުކުރުމަކީ، ފުރަތަމަ ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި ފަރާތްތައް އިންތިޚާބު ކާމިޔާބު ކުރުމަށް ހުރަސްއެޅިގެންދާނެ ކަމެއް ކަމަށް ވެސް އެ ސިޓީގައި ފަރީދު ވިދާޅުވެފައި ވެއެވެ.