08 Jul 2014, 19:49
އެމެރިކާ އިން ހޯދަމުންދިޔަ ރަޝިޔާގެ ހެކަރެއް ކަމަށްވާ ރޯމަން ވެލެރެވިކް ސެލެޒްނޯވް ރާއްޖެއިން ހައްޔަރުކޮށްފައިވާ ކަމަށް ރަޝިޔާއިން ބުނެފި އެވެ.
ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ، ސެލެޒްނޯވް ހައްޔަރުކޮށްފައި ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.
"ސެލެޒްނޯވް ހައްޔަރުކޮށްފައިވަނީ ޖުލައި ފަސް ވަނަ ދުވަހު މާލޭގެ އިންޓަނޭޝަނަލް އެއާޕޯޓުން. އަދި ހަމަ އެދުވަހު އެމެރިކާގެ ސީކްރެޓް ސާވިސް އިން ވަނީ އޭނާ ގަދަކަމުން ޕްރައިވެޓް ޖެޓަކަށް އަރުވައިގެން ގުއާމް ނަމަކަށް ކިޔާ ރަށަކަށް ގެންގޮސްފައި. މިއީ އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީން ކަށަވަރުވެފައިވާ މައުލޫމާތެއް،" ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.
އޭނާ ހައްޔަރުކުރިކަން އެމެރިކާ އިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެމެރިކާގެ ޑިޕާޓްމެންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން އިއްޔެ ވަނީ އެކަމާ ގުޅޭ ގޮތުން ބަޔާނެއް ވެސް ނެރެފަ އެވެ.
ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ މެެމްބަރެއް ކަމަށްވާ ވެލަރީ ސެލަޒްނިޔޯވްގެ ދަރި، ރޯމަން ސެލެޒްނޯފަކީ އޮކްޓޫބަރު 2009 އިން ފެބްރުއަރީ 2011 އާ ދެމެދު އެމެރިކާގެ އެކި ފިހާރަތަކުގެ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މެޝިންތަކެއް ހެކުކޮށް، މީހުންގެ ކްރެޑިޓް ކާޑުގެ މައުލޫމާތު ވަގަށް ނަގާފައިވާ މީހެއް ކަމަށް އެމެރިކާގެ ޑިޕާޓްމެންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ބަޔާނުގައިވެ އެވެ.
ސައިބަ-ފްރޯޑްގެ މައްސަލައެއްގައި ރަޝިޔާ މީހަކު އެމެރިކާގެ ސީކްރެޓް ސާވިސްގެ އެޖެންޓުން ރާއްޖޭއިން ހައްޔަރުކޮށްފައި ވާއިރު، އިމިގްރޭޝަނުން މިހާރު ބޭނުންކުރަމުންދަނީ އެމެރިކާ އިން ހަދިޔާކޮށްފައިވާ ބޯޑަރު ކޮންޓްރޯލް ސިސްޓަމެއް ކަމަށްވާ ޕާސަނަލް އައިޑެންޓިފިކޭޝަން ސެކިއޯ ކޮމްޕެރިސަން އެންޑް އިވެލުއޭޝަން ސިސްޓަމް (ޕައިސިސް) ކިޔާ ސިސްޓަމެކެވެ.