ސްރީލަންކަން އެއާލައިންސްގެ ބިޒްނަސް ކްލާހުން ޓިކެޓް ނަގާފައި ވަނިކޮށް އެންމެ ފަހު ވަގުތު "މިހިން ލަންކާ އެއާލައިން"ގެ ފްލައިޓަކަށް ސީޓް ބަދަލުކުރުމުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން އެއް ޑޮލަރު ހޯދުމަށް މާލޭ ސިޓީގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު ދައުވާ ކުރައްވައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އާދަމް މަނިކު ވިދާޅުވީ ސްރީލަންކާ އެއާލައިންސް އިން އެގޮތަށް އަމަލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ ކުރެއްވި ދަތުރެއްގައި ކަމަށެވެ.

އާދަމް މަނިކު ވިދާޅުވީ ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެކަމާ ގުޅޭގޮތުން ސްރީލަންކާ އެއާލައިނުން އާންމުކޮށް މައާފަށް އެދުމަށް އަމުރުކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ އެ އެއާލައިންގެ ސަމާލުކަމަށް ގެނެސް މައްސަލަ ހައްލުކުރަން އެކަށީގެންވާ ވަރުގެ މަސައްކަތެއް އެ އެއާލައިނުން ކޮށްފައި ނުވާ ކަމަށާއި ޝަރީއަތަށް މައްސަލަ ހުށަހަޅަންޖެހުނީ އެހެންވެ ކަމަށެވެ.

އެ މައްސަލަ ހުށަހެޅުމުގެ މަގުސަދަކީ ސްރީލަންކަން އެއާލައިންސް ފަދަ ބޮޑެތި އެއާލައިންތަކުގައި ހުރި މިފަދަ މައްސަލަތައް ހައްލުކޮށް ރަނގަޅު ކުރުމަށް ފުރުސަތު ދިނުން ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ.