މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަކި ގޮތަކަށް އަންގަންދެން ރާއްޖޭގައި 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ރީބްރޯޑްކާސްޓްކުރުން ވަގުތުން ހުއްޓާލުމަށް އަންގާފައިވާ އެންގުމަށް ތަބާވެވެން ނެތްކަމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް މީޑީއާ ނެޓްގެ ފަރާތުން މިއަދު އަންގައިފި އެވެ.

މީޑިއާނެޓްގެ ގާނޫނީ ކަންކަމާ ބެހޭ ފަރާތް ކަމަށްވާ ސުއޫދު އެންޑް އަންވަރު ލޯ ފާމުން ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 38 ވަނަ މާއްދާގައި ކަނޑައަޅާފައިވާ "ލިސްޓެޑް އިވެންޓް"އެއް ދެއްކުމަކީ، އެފަދަ އިވެންޓެއްގެ "ކޮންޓެންޓް" އެހެން ޓީވީ ޗެނަލަކުން ދެއްކުން ކަމަށާއި އެގޮތުން ޓީވީއެމުން މިފަހަރުގެ ވޯލްޑް ކަޕްގެ ފީޑް ދެއްކުން އެއީ އޭގެ މިސާލެއް ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

ސުއޫދު އެންޑް އަންވަރު ލޯ ފާމުން ބްރޯޑްކާސްޓިން ކޮމިޝަނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ލިސްޓެޑް އިވެންޓެއްގެ ކޮންޓެންޓް ރީބްރޯޑްކާސްޓްކުރުމުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން މީޑިއާނެޓުން ބްރޯޑްކާސްޓްކޮށްފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މުވައްކިލަކީ ދިވެހިރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތަކަށް ވެފައި، ސޮނީ ސިކްސް، ސޮނީ ސިކްސް އެޗްޑީ، އަދި ސޮނީ ޕިކްސްއަކީ އަޅުގަނޑުމެންގެ މުވައްކިލުގެ ފަރާތުން ރީބްރޯޑްކާސްޓް ކުރާ ޗެނަލްތަކެއް ކަމާއި އަޅުގަނޑުމެންގެ މުވައްކިލާ ސޮނީ ސިކްސް ޗެނަލްގެ ވެރިފަރާތާއެކު ވެފައިވާ އެއްބަސްވުން ތިޔަ ކޮމިޝަނަށް އަޅުގަނޑުމެންގެ މުވައްކިލުގެ ފަރާތުން ފޮނުވާފައި ވާއިރު، އަދި ތިޔަ ކޮމިޝަނަށް އެ އެއްބަސްވބުން ލިބިފައި އޮވެމެ، އެކަމާގުޅޭ ގޮތުން އާންމުންނަށް އޮޅޭ ފަދަ ގޮތަކަށް މީޑިއާއަށް މައުލޫމާތު ދިނުމަކީ އަޅުގަނޑުމެންގެ މުވައްކިލުގެ ފަރާތުން ކުރަމުން އަންނަ ވިޔަފާރިއަށް އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަންވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ." ގާނޫނީ ވަކީލް މުހައްމަދު ޝަހުދީ އަންވަރު ސޮއިކުރައްވާފައިވާ ސިޓީގައި ވެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާނެޓަށް 7 ޖުލައި 2014ގައި ފޮނުވި ސިޓީއިން ކުރުމަށް އަންގާފައިވާ ކަންކަމަކީ، އެއްވެސް ތަހުގީގެއް ކުރުމަކާނުލައި ހަމައެކަނި ތުހުމަތުތަކެއްގެ މައްޗަށް ބުރަވެ އަންގާފައިވާ އެންގުމެއް ކަމަށް ކޮމިޝަންގެ އިއުތިރާފުން އެނގެން އޮންނަ ކަމަށް ބުނެ ސުއޫދު އެންޑް އަންވަރު ލޯ ފާމުން ފޮނުވި ސިޓީގައި ބުނެފައިވަނީ، ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް އެފަދަ ފިޔަވަޅުތަކެއް އެޅުމަކީ ގާނޫނީ އަދި ޝަރުއީގޮތުން އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށެވެ.

"... ތިޔަ ކޮމިޝަނުގެ ފަރާތުން އަޅަން މަސައްކަތްކުރާ ފިޔަވަޅާ ގުޅިގެން އަޅުގަނޑުމެންގެ މުވައްކިލުގެ ވިޔަފާރިއަށް ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި، ތިޔަ ކޮމިޝަނާއި ތިޔަ ކޮމިޝަނުގެ އެންމެހައި މެންބަރުންގެ މައްޗަށް ވަކިވަކިން ދައުވާކުރާނެ ވާހަކަ ދަންނަވަމެވެ." ކޮމިޝަންގެ އެންގުންތަކަށް ތަބާވެވެން ނެތްކަމަށް ބުނެ މީޑީއާނެޓްގެ ފަރާތުން ބްރޯޑްކާސްޓިން ކޮމިޝަނަށް ފޮނުވި ސިޓީގައިވެ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ޓީވީއެމް އާއި އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީގެ ވީޓީވީ އިން ވޯލްޑްކަޕްގެ ބާކީ ހުރި މެޗުތައް ދައްކާ އިރު އެޗްޑީކޮށް ފޮނުވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކޭބަލް އޮޕަރޭޓަރު، މީޑިއާނެޓަށް ބްރޯޑްކާސްޓިންގް ކޮމިޝަނުން މިއަދުވަނީ އަންގައިފަ އެވެ.

ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ބަހެއް ހޯދުމަށް ސަންއިން ގުޅާލުމުން އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ، "އެކަމާ ބެހޭގޮތުން އެއްޗެއް ދަންނަވަން އެނގޭނީ އަޅުގަނޑުމެން ކޮމިޝަންގެ ބައްދަލުވުމެއް ބާއްވާފައި އެކަމާ މަޝްވަރާކުރުމަށް ފަހު،'" ކަމަށެވެ.