އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުމަށްޓަކައި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ވެލާނާގޭގައި މިއަދު އޮތް ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއި ކުރެއްވީ ޓްއަރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ. އެމްބީބީއޭގެ ފަރާތުން ސޮއި ކުރެއްވީ އެއެސޯސިއޭޝަންގެ ރައީސް އަބްދުﷲ އަރީފެވެ. އަދި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު ޓިމް ހައިން ނެވެ.

އެގްރިމެނޓުގައި ސޮއި ކުރުމުގެ ރަސްމިއްޔާތައް ފަހު ޖެނެރަލް މެނޭޖަރު ޓިމް ހައިން ވިދާޅުވީ، މިފަދަ ބޮޑު މުބާރާތެއް ރާއްޖެ ކަހަލަ ރީތި ގައުމެއްގައި ބޭވުމަށް، ރާއްޖޭގެ ޓްއަރިޒަމް މިނިސްޓުރީއާއި އެމްބީބީއޭ އިން ދިން އެއްބާރުލުމަށް ވަރަށް ބޮޑު ސުކުރެއް އަދާކުރާކަމަށެވެ. އަދި މިމުބާރާތް ރާއްޖޭގައި ބޭއްވޭނެ ކަމުގެ ފުރުހަމަ ޔަގީކަން މިހާރު ލިބިއްޖެ ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.

މިނިސްޓަރު އަދީބް ވިދާޅުވީ، މުބާރާތް އިސްތިހާރު ކުރުމަށްޓަކައި ގިނަ ކަންތައްތަކެއް ރާވާފައި ވާކަމަށެވެ. އަދި މިމުބާރާތުގެ ސަބަބުން ރާއްޖޭގެ ޒުވާން ރާޅާއެޅުންތެރިނަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށާއި ކޮންމެ އއަހަރެއްގެ ވެސް އޮފްސީޒަނާ ދިމާކަޮސް މިފަދަ ބޮޑެތި މުބާރާތްތައް ރާއްޖޭގައި ބޭވުމުން ޓްއަރިޒަމްއަށް އެތަކެއް ފައިދާތަކެއް ކުރަނާނެ ކަމަށް އަދީބް ވިދާޅުވިއެވެ.

އެމްބީބީއޭގެ ރައީސް އަބްދުﷲ އަރީފް ވިދާޅުވީ މުބާރާތުގައި އިންޓަނޭޝަނަލް 70 އަށް ވުރެ ގިނަ ރާޅާ އެޅުންތެރިން ވާދަކުރާނެ ކަމަށާއި މުބާރާތް ބޭއްވުމަށް ނިންމާފައި ވަނީ ޅޮހި ފުށީގައި ކަމަށެވެ. އަދި މުބާރާތް ބާއްވާނެ ތާރިހެއް މުޅިން ފައިނަލް ވާނީ ޅޮހި ފޫށީގެ އިސްވެރިންނާއެކު މަސްވަރާތައް ބާއްވާ ފައިނަލް ވުމުން ކަމަށް އާރިފް ވިދާޅުވިއެވެ.