08 Jul 2014, 14:59
މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ޓީވީއެމް އާއި އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީގެ ވީޓީވީ އިން ވޯލްޑްކަޕްގެ ބާކީ ހުރި މެޗުތައް ދައްކާ އިރު އެޗްޑީކޮށް ފޮނުވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކޭބަލް އޮޕަރޭޓަރު، މީޑިއާނެޓަށް ބްރޯޑްކާސްޓިންގް ކޮމިޝަނުން އަންގައިފި އެވެ.
ޓީވީއެމް އާއި ވީޓީވީން ވޯލްޑްކަޕްގެ ބާކީ ހުރި މެޗްތައް އެޗްޑީކޮށް ފޮނުވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އެދި މީޑިއާނެޓަށް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގާފައި ވަނީ، މީޑިއާނެޓްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަފީއު އަށް އެޑްރެސްކޮށް، ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް މިއަދު ފޮނުވި ސިޓީއެއްގަ އެވެ.
އެ ސިޓީގައި ބުނެފައި ވަނީ، ޓީވީއެމް އާއި ވީޓީވީގެ ޗެނަލްތައް އެޗްޑީކޮށް މީޑިއާނެޓްގެ ނެޓްވޯކުގައި ހިމެނުމަށް އެދިފައިވާ އެދުމަށް މީޑިއާނެޓުން އިޖާބަ ދީފައިނުވާ ކަމުގެ ޝާކުވާ އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން، ރީ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ ދަށުން، ވޯލްޑްކަޕްގެ ބާކީ ހުރި މެޗުތައް އެޗްޑީކޮށް ފޮނުވޭނެ އިންތިޒާމް، މިރޭ ދެއްކުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް މެޗް ފެށުމުގެ ކުރިން ހަމަޖައްސަވައި ދެއްވުމަށް އެ ސިޓީގައި އަންގާފައިވެ އެވެ.
"ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 24ވަނަ މާއްދާގެ (ނ)ގައި، ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދޭ ނެޓްވާކްތަކުގައި ދިވެހި ރާއްޖޭގެ އެހެން ބްރޯޑްކާސްޓަރުންގެ ޗެނެލްތައް ހަމަހަމަ އުސޫލަކުން ހިމަނަންވާނޭ ކަމަށް ބަޔާންކޮށްފައި އޮތުމާ އެކު، ޓީވީއެމް އާއި ވީޓީވީ ޗެނެލްތަކުގެ ހައި ޑެފިނިޝަން ކޮންޓެންޓް މީޑިއާނެޓުގެ ނެޓްވަކުން ރައްޔިތުންނަށް ލިބޭނޭ ގޮތް ހަމަޖައްސައިދެއްވުމަށް ދަންނަވަމެވެ." މީޑިއާނެޓަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، ދިވެހި އެހެން އެއްވެސް ޗެނަލަކުން ވެސް އެޗްޑީކޮށް ކޮންޓެންޓް ހިމެނުމަށް އެދިއްޖެ ނަމަ، ގަވާއިދުގައިވާ ގޮތަށް ހަމަހަމަކަމާ އެކު އެ ފުރުސަތު އެ ޗެނެލަކަށް ދެއްވުމަށް ވެސް ދަންނަވާފައިވެ އެވެ.