08 Jul 2014, 14:21
އެފްޑީއައި ސްޓޭޝަންގެ ކައުންޓަރުގައި އޮތް ފޯނެއް ވަގަށް ނަގައިގެން ފިލި މީހަކު ހޯދަން ފުލުހުން ވީޑިއޯ އާންމުކޮށްފި އެވެ.
ފޮޓޯ ނަގައިދޭ މަޝްހޫރު ސްޓޫޑިއޯ، އެފްޑީއައި ސްޓޭޝަނުން ފޯނެއް ވަގަށް ނެގީ މިދިޔަ މަހުގެ 21 ގަ އެވެ. އެތަނުގެ ކައުންޓަރެއްގެ މަތީގައި ބާއްވާފައި އޮތް މޯބައިލް ފޯނަކީ އެތަނު އަންހެން މުވައްޒަފެއްގެ ފޯނެކެވެ. ވަގަށް ގެންދިޔަ ފޯނަކީ ސޮނީ އެކްސްޕީރިޔާ ފޯނެކެވެ.
ފުލުހުން އާންމުކޮށްފައިވާ މީޑިއޯއިން ފެންނަ ގޮތުން އެފްޑީއައި ސްޓޭޝަންގެ ކައުންޓަރު ކައިރީގައި ހުރި މީހަކު އެތަނުގެ ކައުންޓަރުގައި އިން އަންހެން ކުއްޖަކާ ސުވާލު ކުރާތަން ފެނެ އެވެ. ޒުވާން އުމުރުގެ އެ މީހާ އޭނާގެ އަމިއްލަ ފޯނު ޖީބުން ނަގައިގެން އެ ފޯނާ ކުޅޭތަން ވެސް ފެނެ އެވެ. އެތަނުގައި އޭނާ ހުއްޓައި އެހެން ބަޔަކު ވެސް އެތަނަށް ވަދެ ހިދުމަތް ހޯދައިގެން ނުކުންނަތަން ވީޑިއޯއިން ފެނެ އެވެ. އެއަށްފަހު އެ މީހުނާއެކު އޭނާ ވެސް އެތަނުން ނުކުތުމަށްފަހު، އަނެއްކާ އެނބުރި ކައުންޓަރު ކައިރިއަށް އައިސް ފޯނެއް ވަގަން ނަގައިގެން ފިލާތަން ފެނެ އެވެ.
ފުލުހުން ބުނީ އެފްޑީއައި ސްޓޭޝަނުން މޯބައިލް ފޯނެއް ވަގަށް ގެންދިޔަ މީހާ ފެންނަ ވީޑީއޯއިން އެ މީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށެވެ. އަދި އެ މީހާ ފުލުހަށް ހާޒިރުކޮށް ސުވާލު ކުރަން ބޭނުންވާ ކަަމަށާއި އެ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ އެކަން ފުލުސް އޮފީހަށް އަންގައިދިނުމަށެވެ.