ތެހެރާން : ޗައިނާގެ ޢަސްކަރީ ޓެކްނޮލޮޖީއާބެހޭގޮތުން އެމެރިކާއަށް ލިބިފައިވާ ޖާސޫސީ މަޢްލޫމާތުތަކަށްވުރެ މިރޮނގުން ޗައިނާ މާބޮޑަށް ކުރިއަރާފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ރޮބަޓް ގޭޓްސް އެއްބަސްވެ ވަޑައިގެންފިއެވެ. 2007 ވަނަ އަހަރަށްފަހު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ގޭޓްސް ވިދާޅުވީ ޢަސްކަރީ އުފެއްދުންތެރިކަމާއި ޢަސްކަރީ ޓެކްނޮލޮޖީގައި ޗައިނާ ކުރިޔަށްގޮސްފައިވާ މިންވަރާބެހޭގޮތުން އެމެރިކާއަށް ލިބިފައިވާ ޖާސޫސީ މަޢްލޫމާތު އެންމެ ފުރިހަމަ ނުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ.
ގޭޓްސް އިތުރަށް ވިދާޅުވީ ޗައިނާއަކީ ޢަސްކަރީ ގޮތުން އެމެރިކާ ޖެހިލުންވާ މިންވަރަށް ކުރިޔަށް ގޮސްފައިވާ ޤައުމެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށާއި ޗައިނާގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރެއްވުމަށްޓަކައި އޭނާ ޗައިނާއަށް ވަޑައިގަތުމުގެ ބޭނުމަކީ އެމެރިކާ ކަންބޮޑުވާކަންތަކުގައި ޗައިނާއާއެކު ވާހަކަ ދައްކައިގެން ކަންތައްތައް ޙައްލުކުރެވޭތޯ ބެލުން ކަމުގައެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ގޭޓްސް ވިދާޅުވީ އެމެރިކާގެ ޢަސްކަރީ ބާރަށް ގޮންޖަހާލެވޭވަރުގެ ޓެކްނޮލޮޖީގެ ކުޅަދާނަކަން މިހާރު ޗައިނާއަށް ލިބިފައިވުމަކީ އެމެރިކާ ކަންބޮޑުވާންޖެހޭ ކަމެއްކަމުގައެވެ.
ގޭޓްސް މިމޭރުމުން ވަހަކަ ދެއްކެވިއިރު ޗައިނާ، ދާދިފަހުންވަނީ އެޤައުމުން ސްޓެލްތް މަތިންދާބޯޓެއް ތަޖްރިބާ ކުރިކަމުގެ ފޮޓޯތަކެއް ދުނިޔޭގެ މީޑިޔާއަށް ލީކުކޮށްލާފައެވެ. މިފޮޓޯތަކުން ފެންނަ ޗައިނާގެ ސްޓެލްތް މަތިންދާބޯޓަކީ އެމެރިކާގައި އުފައްދާ ސްޓެލްތް ބޯޓުތަކާ އެއްފެންވަރުގެ މަތިންދާ ބޯޓެއްކަމަށް ތަޖްރިބާކާރުންގެ ތަހްލީލީ ރިޕޯޓްތައް ބުނެއެވެ. ޗައިނާއިން ޖޭ. 20 ގެ ސްޓެލްތް މަތިންދާބޯޓެއް އުފައްދައި އެމަތިންދާބޯޓު ތަޖްރިބާކުރަމުންގެންދާކަން ހާމަވެގެންދިޔައިރު އެމެރިކާ ލަފާކޮށްފައިވަނީ މިބާވަތުގެ މަތީފެންވަރުގެ ޢަސްކަރީ ޓެކްނޮލޮޖީ 2015 ވަނަ އަހަރުގެ ކުރިން ޗައިނާއަށް ނުހޯދޭނެ ކަމަށެވެ. އަދި ޗައިނާއިން ސްޓެލްތް މަތިންދާބޯޓު ތަޖްރިބާކުރާކަން ހާމަވެގެން މިދިޔައީ މަތިންދާބޯޓު އުފެއްދުމުގައި ޗައިނާއަކީ އަދިވެސް ބޭރުގެ ޓެކްނޮލޮޖީއަށް ބަރޯސާ ކުރާ ޤައުމެއްކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓެއްގައިވެސް ހާމަކޮށްފައި ވަނިކޮށެވެ.
ސްޓެލްތް މަތިންދާބޯޓަކީ އަޑަށްވުރެ ދެގުނަ ބާރަށް ދަތުރުކުރާ އަދި ދުރުރާސްތާތަކަށް ދަތުރުކޮށް ބޮންއެޅުމުގެ ޤާބިލްކަން ލިބިފައިވާ ރާޑަރަށް ނާރާ ޓެކްނޮލޮޖީގެ މަތިންދާބޯޓެކެވެ. މިހާތަނަށް އެމެރިކާއާއި ރަޝިޔާ ފިޔަވައި އެހެން ޤައުމަކަށް މި ޓެކްނޮލޮޖީ ޙާސިލްކުރެވިފައެއް ނުވެއެވެ. ޗައިނާއަކީ މިޓެކްނޮލޮޖީ ޙާސިލްކުރި ތިންވަނަ ޤައުމުކަމަށް ހުޅަނގުގެ މީޑިޔާއިންވެސްވަނީ ބުނެފައެވެ. ޗައިނާގެ ވައިގެ ބާރުތަކުގެ ޑެޕިއުޓީ ކޮމާންޑަރު ވަނީ ޗައިނާގެ ޢަސްކަރީ ބާރު ފުރިހަމަ ކުރުމަށްޓަކައި ސްޓެލްތް މަތިންދާބޯޓު އުފައްދަންޖެހޭ ކަމަށް 2009 އަހަރު ވިދާޅުވެފައެވެ.