ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލްގައްޔޫމު އަންނަ އޮގަސްޓް މަހު ޗައިނާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ މިއަދު ސަން އަށް ވިދާޅުވީ ރައީސް ޔާމީނު ޗައިނާ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ ދައުވަތު އެގައުމުގެ ރައީސް ޒީޖިންޕިން ދެއްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެދައުވަތު ގަބޫލުކުރައްވައި، އަންނަ އޮގަސްޓް މަހު ޗައިނާ އަށް ވަޑައިގަންނަވަން ރައީސް ނިންމަވާފައިވާ ކަމަށެވެ.

ޗައިނާ އަށް ރައީސް ޔާމީނު ވަޑައިގަންނަވާ ދުވަސްވަރާ އެގައުމުގައި ބާއްވާ ޔޫތު އޮލިމްޕިކްސް ހުޅުވާ ދުވަސްވަރާ ދިމާވާތީ އެރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވުމަށް ވެސް ދައުވަތު ދެއްވާފައިވާ ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.

"ރައީސް ޔާމީނު ޗައިނާ އަށް ވަޑައިގަންނަވާ ދުވަސްވަރާ މިދިމާވަނީ އެގައުމުގައި ވަރަށް މުހިއްމު ކަމެއް، އެއީ ޔޫތު އޮލިމްޕިކްސް ފަށާ ދުވަސްވަރާ. އެހެންވެ ޔޫތު އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތާ، އެކަމާ ގުޅިގެން އޮންނަ ފަރިއްކޮޅުގައި ބައިވެރިވެވަޑައިގެންނެވުމަށް ވެސް އެގައުމުގެ ރައީސް ވަނީ ދައުވަތު ދެއްވާފައި،" މުއާޒް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ޗައިނާއަކީ އިގުތިސާދީ ގޮތުން ވަރަށް ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ ގައުމަކަށް ވާތީ އަދި ރާއްޖެ އަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ގައުމަކަށް ވާތީ ދަތުރުފުޅުގެ ސަބަބުން ރާއްޖެ އަށް ބޮޑެތި ފައިދާތައް ކުރާނެ ކަމަށެވެ.

"... އަވަށްޓެރި ގައުމުތަކަށް މިހާރު ވަނީ ރައީސް ދަތުރުފުޅު ކުރައްވާފައި. ރާއްޖެ އަށް ބޮޑެތި އެހީތައް ވެދެމުން އަންނަ ގައުމުތަކުގެ ތެރެއިން މިހާރު ރައީސް ވަޑައި ނުގަންނަވާ އޮތް އެންމެ މުހިއްމު ގައުމަކީ ޗައިނާ. ޗައިނާއަކީ އިގުތިސާދީ ގޮތުން ނުފޫޒު ގަދަ ގައުމަކަށް ވާތީ، އަދި މިދަތުރުފުޅުގައި ރަސްމީ ވާހަކަތައް ބާއްވާތީ ރާއްޖެ އަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ގަބޫލުކުރެވެނީ." މުއާޒް ވިދާޅުވި އެވެ.