08 Jul 2014, 13:32
އެމެރިކާއަކީ ރާއްޖެ އިން އިތުބާރުކުރާ ގާތް އެކުވެރި ގައުމެއް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ 238 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ޓްރޭޑާސް ހޮޓަލުގައި ރޭ ބޭއްވި ޖާފަތެއްގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް އެމެރިކާއާ ގުޅިގެން ރާއްޖޭން ކުރާ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ރާވައިގެން ހިންގާ ކުށްތަކާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުން ފަދަ ކަންކަމާ ދެކޮޅަށް ވެސް އެމެރިކާއާ ގުޅިގެން ރާއްޖޭން މަސައްކަތް ކުރާނެ ކަމަށެވެ.
ދިފާއީ އަދި ސަލާމަތީ ދާއިރާ އިން ރާއްޖެ އަށް އެމެރިކާ އިން ވެދޭ އެހީތެރިކަމަށް އެކަމަނާ ޝުކުރު އަދާކުރެއްވި އެވެ.
އެމެރިކާގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ހަފުލާގައި އެމެރިކާ ސަފީރު މިޝޭލް ސިސޮންއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާމާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވަޑައިގެންނެވި އެވެ.