08 Jul 2014, 13:19
ބްރެޒިލްގައި ކުރިއަށްދާ ދުނިޔޭގެ ތައްޓަށް ކުޅޭ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޓިކެޓް ކަޅުބާޒާރުގައި ވިއްކި ފީފާގެ އޮފިޝަލަކު ބްރެޒިލް ފުލުހުން ހައްޔަރުކޮށްފި އެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ ކަޅު ބާޒާރުގައި ޓިކެޓް ވިއްކި ފީފާގެ އޮފިޝަލް ހައްޔަރު ކުރީ ބްރެޒިލްގެ ވެރިރަށް ރިއޯޑި ޖެނީރޯގެ މަޝްހޫރު ކޮޕަކަބާނާ ޕެލަސް ހޮޓަލުން ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރި އިރު އޭނަގެ އަތުން ވޯލްޑް ކަޕްގެ ބައެއް މެޗްތަކުގެ ޓިކެޓާއި، ޓިކެޓް ވިއްކައިގެން އޭނަ ހޯދި އެއް މިލިއަނަށް ވުރެ ގިނަ ޑޮޅަރު އަތުލެވުނު ކަމަށެވެ.
ބްރެޒިލްގެ ސަރުކާރުގެ އިސް އޮފިޝަލަކު ބުނެފައި ވަނީ، ހައްޔަރުކޮށްފައިވާ ފީފާގެ އޮފިޝަލަކީ މެޗު ހޮސްޕިޓަލީގެ ޑިރެކްޓަރެއް ކަމަށްވާ އިނގިރޭސި ވިލާތުގެ އުމުރުން 64 އަހަރުގެ ވެލަން ކިޔާ މީހެއް ކަމަށެވެ.
ކަޅުބާރުޒާރުގައި ޓިކެޓު ވިއްކި މައްސަލާގައި މީގެ ކުރިންވެސް 11 މީހަކު ބްރެޒިލްއިން ފުލުހުން ހައްޔަރު ކުރިކަމަށް އޭޕީން ބުނެ އެވެ.
ކަޅުބާޒާރުގައި ޓިކެޓު ވިއްކުން އާންމުވެފައިވާ އިރު، ސައްޚަ ނޫން ވަގު ޓިކެޓު ވިއްކުމުގެ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
ބްރެޒިލްގެ ސަރުކާރާއި ފީފާއާއި ގުޅިގެން ސައްޚަ ނޫން ވަގު ޓިކެޓް ވިއްކަން މަސައްކަތް ކުރާ މީހުން ހޯދުމަށް ހާއްސަ ކޮމެޓީތަކެއް ވެސް ވަނީ އެކުލަވާލައިފަ އެވެ.
މިފަހަރުގެ ވޯލްޑްކަޕަށް ތިން މިލިއަނަށް ވުރެ ގިނަ ޓިކެޓް ފީފާއިން ވިއްކާފައިވާ އިރު، ކޮންމެ ޓިކެޓެއްގައި، ޓިކެޓު ގަތް މީހާގެ ނަމާ އެކު ހާއްސަ ނިޝާނެއް ނުވަތަ ކޯޑެއް ޖަހާފައިވެ އެވެ.