ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ކޮލަމްބިއާ އަތުން 2-1 ލަނޑުން ބްރެޒިލް މޮޅުވި މެޗުގައި ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ އަށް ދެއްކި ރީނދޫ ކާޑުގެ މައްސަލަ ބެލެން ނެތް ކަމަށް ފުޓްބޯޅައާ ބެހޭ މައި އިދާރާ (ފީފާ) އިން ނިންމައިފި އެވެ.

ފީފާގެ ޑިސިޕްލިނަރީ ކޮމެޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މެޗުގައި ނޭމާ އަށް ލިބުނު އަނިޔާގެ މައްސަލައާއި ސިލްވާ އަށް ދެއްކި ރީނދޫ ކާޑުގެ މައްސަލަ ބެލެން ނެތް ކަަމަށެވެ.

ކޮލަމްބިއާ މެޗުގައި ސިލްވާ އަށް ދެއްކި ރީދޫ ކާޑު ބާތިލުކުރަން ބްރެޒިލުން ފީފާ އަށް ހުށައެޅި ނަމަވެސް، އެ ހުށައެޅުން ފީފާ ގޮތެއް ނިންމާފައިނުވާއިރު، މިރޭ ރާއްޖެ ގަޑިން ދަންވަރު 1:00ގައި ޖަރުމަނާ ދެކޮޅަށް ބްރެޒިލް ކުޅޭ ސެމީފައިނަލްގައި ސިލްވާ އަދި އެޓީމުގެ ޒުވާން ފޯޥާޑް ނޭމާ އަށް ނުކުޅެވޭނެ އެވެ. މި މެޗް ކުޅޭނީ ބްރެޒިލްގެ ބެލޯ ހޮރިޒޮންޓޭ ސިޓީގެ އެސްޓޭޑިއޯ މިނޭރާއޯ ސްޓޭޑިއަމްގަ އެވެ.

މިރޭ ނޭމާއަށް ނުކުޅެވެނީ، ކޮލަމްބިއާ އާއި ދެކޮޅާށް ބްރެޒިލް ކުޅުނު މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ނޭމާ އަށް ކޮލަމްބިއާގެ ހުއާން ޒުނިގާ ކުރި ނުރައްކާތެރި ހަމަލާއަކުންނެވެ. ޒުނިގާގެ ކަކުލުން ޖެހި ނޭމާގެ އުނަގަނޑަށް އަނިޔާވެ އޭނާ އަށް ވަނީ ވޯލްޑް ކަޕާ އަލްވަދާއު ކިޔަން ޖެހިފަ އެވެ.

ނޭމާ އަށް ޒުނިގާ ކުރި ފައުލް ބެލުމަށް ފީފާ އިން ނިންމި ނަމަވެސް، އެ މައްސަލަ އަށް ވެސް މިހާރު ވަނީ ގޮތެއް ނިންމާފަ އެވެ. އެގޮތުން ފީފާ އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ އެމެޗުގައި ނޭމާ އަށް ފައުލް ކުރި ޒުނިގާ އަށް ފީފާ އިން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވަނީ ނިންމާފައި ކަމަށެވެ.

ބްރެޒިލް އަށް ސަޕޯޓަކުރާ ގިނަ ފަރާތްތަކަކުންނާއި އެ ގައުމުގެ ފުޓްބޯޅަ ކުޅުންތެރިން ދެކޭގޮތުގައި، ނޭމާ އަށް ދިން ޒުނިގާގެ އެ ހަމަލާއަކީ ގަސްތުގައި އަނިޔާއެއް ދިނުމުގެ މަގްސަދުގައި ދިން ހަމަލާއެކެވެ.