08 Jul 2014, 12:58
ރާއްޖެއަށް ބަނގުރާ އެތެރެކުރި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޮތީ ދައުލަތުގެ ފަރާތުންނާއި ސިޔާމްގެ ފަރާތުން ޚުލާސާ ބަޔާން ހުށަހެޅުމެވެ. ޚުލާސާ ބަޔާން ހުށަހަޅައި ނިމުމުން އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ ދެން ބާއްވާ އަޑުއެހުމެއްގައި އެ މައްސަލައިގައި ޝަރީއަތުން ކަނޑައަޅާ ހުކުމް އިއްވާނެ ކަމަށެވެ.
ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ސިޔާމްގެ ފޮށިން ބަނގުރާ ކަމަށް ޝައްކު ކުރެވޭ ފުޅި ނަގާފައި ވަނީ އޭނާ ބާރުތަކާ އިޚްތިޔާރު ދީފައިވާ ބައެއްގެ ހާޒިރުގައި ކަމަށެވެ. އަދި ސިޔާމްގެ ދަބަހުގައި ހުރި ޓެގާއި އޭނާގެ ޕާސްޕޯޓުގައި ހުރި ޓެގްދިމާވާ ކަމަށް ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށާއި އެހެންކަމުން އެ މައްސަލަ ޝަރީއަތަށް ސާބިތުވާނެ ކަމަށް ދެކޭ ކަމުގައި ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ސިޔާމްގެ ފަރާތުން ޚުލާސާ ބަޔާން އިއްވަވަމުން އޭނާގެ ގާނޫނީ ވަކީލު އަލީ ޝާހު ވަނީ ދައުލަތުން ދެއްކި ހުރިހާ ވާހަކަތަކަށް ރައްދުދެއްވާފަ އެވެ.
ޝާހު ވިދާޅުވީ ދައުލަތުން ކުރި ދައުވާ އަށް ސިޔާމް ކަނޑައެޅިގެން އިންކާރު ކުރައްވާފައިވާ ކަމަށާއި އޭނާ ދައުވާ އަށް އިންކާރުކުރައްވައިފައި ވަނީ ސަބަބުތަކެއް ހުރުމުން ކަމަށެވެ. އެގޮތުން ބަނގުރާ ކަމަށް ޝައްކުކުރެވޭ ފުޅިއަކީ ސިޔާމްގެ ހިޔާޒަތުގެ ދަށުން ނެގި އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޔާމްގެ ލަގެޖުން އެ ފުޅި ނެގި އިރު އޭގައި ހުރީ ތަޅުނުލައި ކަމަށާއި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެ ފުޅި ސިޔާމާ ގުޅުވޭނެ ހުއްޖަތެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.
ސިޔާމްގެ ވަކީލު ވިދާޅުވީ މިއަދާ ހަމައަށް ވެސް އެ ފުޅި ސިޔާމަށް ދައްކައި އޭނައާ ސުވާލުކޮށްފައިނުވާ ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ހެކިން ތަހުގީގު މަރުހަލާގައި އާއި ޝަރީއަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ހެކީންގެ އަދުލުވެރިކަން ގެއްލިފައިވާ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.