ކޮކާ-ކޯލާ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގައި އިއްޔެ ހަވީރު އޭވައިއެލް އަތުން 6-2 ލަނޑުން ކުލަބް ވެލެންސިއާ މޮޅުވެއްޖެ އެވެ.

އެފްއޭއެމްގެ ލައިފްބޯއީ ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ވެލެންސިއާ އަށް ގޯލްތައް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ ތިން ގޯލް ކާމިޔާބު ކުރި އިބްރާހިމް ހަލީމް އާއި އަބްދުﷲ ވަހީދު އާއި މުހައްމަދު އިބްރާޙިމް އަދި އޭވައިއެލްގެ އަހުމަދު އަލީގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ވެލެންސިއާ ކޮޅަށް އޭވައިއެލް އިން ޖެހިދެ ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ޝިހާމް އާއި އަލީ ޒިހާނެވެ.

އިއްޔެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ތިން ގޯލް ޖެހި ވެލެންސިއާގެ ފޯވާޑް އިބްރާހިމް ހަލީމް އެވެ.

މުބާރާތުގައި މިއަދު ހަވީރު 4:40ގައި ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް އޭ ފަޅިން ވާދަކުރާ ކްލަބް އީގަލްސް އާއި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގެ ގްރޫޕް އޭގައި އޮތީ އީގަލްސް އާއި ބީޖީގެ އިތުރުން މަހިބަދޫ އާއި ވިކްޓަރީ އެވެ. އަދި ގްރޫޕް ބީ ގައި އޮތީ އޭވައިއެލް އާއި ސޮކަވެޓެރަންސް އެސޯސިއޭޝަނާއި ދިވެހި ސިފައިންގެ ކްލަބްގެ އިތުރުން އެ މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައިވާ ވެލެންސިޔާ އެވެ.

މި މުބާރާތަކީ 40 އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަކޮށްފައިވާ މުބާރާތެއް ނަމަވެސް، 35 އަހަރުން މަތީގެ 10 ކުޅުންތެރިން ޓީމުގައި ރަޖިސްޓްރީ ކުރެވެ އެވެ. އަދި އޭގެ ތެރެއިން ހަތަރު ކުޅުންތެރިންނަށް އެއް ފަހަރާ ކުޅެން އެރޭ ގޮތައް ވެސް ވަނީ ހަމަޖައްސައިފަ އެވެ.