08 Jul 2014, 11:34
އެލް ސެލްވަޑޯގެ ރައީސުންނަށް ހާއްސަކޮށްފައިވާ ގެކޮޅު ދާރުލް އާސާރެއްގެ ގޮތުގައި އެގައުމުގެ ފަގީރުންނަށާއި ދަށު ދަރަޖައިގެ މީހުންނަށް ހުޅުވާލައްވައިފި އެވެ.
އެކަން އެގޮތަށް ހަމަޖެއްސެވީ އެގައުމުގެ މިހާރުގެ ރައީސް ސެލްވަޑޯ ސާންޗޭޒް އެވެ. އެލް ސެލްވަޑޯގެ އެފްއެމްއެލްއެން ޕާޓީ އަށް ނިސްބަތްވާ ސެލްވަޑޯ ސާންޗޭޒް އެ ގެކޮޅު ދާރުލްއާސާރެއްގެ ގޮތުގައި ހުޅުވައިލެއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވި ކަމަށް ބީބީސީ އިން ބުނީ ކޮންމެ ދެ ހަފްތާއަކުން އެއް ހަފްތާގައި އާންމުނަށް އައިސް ގޮސްވެވޭ ގޮތަށް އެ ގެކޮޅު ހުޅުވާލައިފައި ހުންނާނެ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ އޭނާ ދެން ދިރިއުޅުއްވާނީ އަމިއްލަ ގެކޮޅުގައި ކަމަށެވެ.
އެލް ސެލްވަޑޯ އަށް ނިސްބަތްވާ ގިނަ ހުނަރުވެރި ކުރެހުންތެރިންގެ ކުރެހުންތަކުން ޒީނަތްތެރިކޮށްފައިވާ އެ ގެކޮޅު އާންމުނަށް ހުޅުވާލެއްވީ އެގައުމުގެ ހާލަތު އޭރާއި މިހާރު ހުރި ތަފާތު ރައްޔިތުންނަށް ހާމަކޮށްދިނުމަށް ކަމަށް އެގައުމުގެ ރައީސް އޮފީހާ ހަވާލާދީ ބީބީސީ ބުނެފައިވެ އެވެ.
ދާރުލް އާރާސެއްގެ ގޮތުގައި ހުޅުވާލި އެގެކޮޅަށް އެންމެ ފުރަތަމަ ޒިޔާރަތްކުރެވީ އެގައުމުގައި ހިއުމަން ރައިޓްސް ކުރިއެރުވުމަށް މަސައްކަތްކުރަމުން އަންނަ ބައެއް އިސް ބޭފުޅުންނެވެ. އޭގެ އިތުރުން 1980 ވަނަ އަހަރާއި 1990 އަހަރު އެގައުމުގައި އޮތް ދާހިލީ ހަނގުރާމައިގައި އަނިޔާވި މީހުނާއި އެމީހުންގެ ގާތްތިމާގެ މީހުން ވެސް ޒިޔާރަތް ކުރި އެވެ.