ތެހެރާން : އީރާނުގެ ފަސިންޖަރު މަތިންދާބޯޓެއް ވެއްޓި އެއިންދަތުރުކުރި މީހުންގެ ތެރެއިން 70 މީހަކު މަރުވެއްޖެއެވެ. އީރާނުގެ ފާރިސް ނޫސްއެޖެންސީ ޚަބަރުދޭގޮތުގައި އެތެރޭގެ ދަތުރެއްގައި އުދުހެނިކޮށް މި ބޯޓު ވެއްޓުނީ ބާރުގަދަ ކޮޅިގަނޑެއްގައި ޖެހުމުގެ ސަބަބުން އީރާނުގެ ހުޅަނގު އުތުރުގެ އުރޫމިޔާ ކިޔާ ރަށަކަށެވެ. މިބޯޓުން ދަތުރުކުރި 105 މީހުންގެ ތެރެއިން 70 މީހުން މިޙާދިޘާގައި މަރުވިއިރު 32 މީހުން ސަލާމަތްވި ކަމާއި 3 މީހުން ގެއްލިފައިވާ ކަމަށް ޚަބަރުލިބެއެވެ. ނަމަވެސް މިބޯޓުން 156 މީހަކު ދަތުރުކުރިކަމަށް އީރާނުގެ އަލްޢާލަމް ޓީވީ ނެޓްވާކުން ބުނެއެވެ. ވެއްޓުނު މިބޯޓަކީ އީރާން އެއަރ ލައިންގެ ބޯޓެއްކަން ނުވަތަ އެޤައުމުގެ އެހެން ކުންފުންޏެއްގެ ބޯޓެއްކަމާއި މިއީ ކޮންބާވަތެއްގެ މަރުކާއެއްގެ ބޯޓެއްކަން އަދި އެނގިފައެއް ނުވެއެވެ. 2009 ވަނަ އަހަރުވެސް އީރާނުގެ ފަސިންޖަރު މަތިންދާބޯޓެއް ވެއްޓި އެއިން ދަތުރުކުރި އެންމެން މަރުވެފައި ވެއެވެ.
މަދަނީ މަތިންދާބޯޓުތައް ވެއްޓުމުގެ ޙާދިޘާތަކާ ވަރަށް ގިނައިން އީރާން ކުރިމަތިލާންޖެހެއެވެ. މީގެ ސަބަބަކީ އީރާނަށް މަދަނީ މަތިންދާބޯޓު ނުވިއްކުމަށާއި ކުރިން އީރާނުގައިވާ މަތިންދާބޯޓުތަކަށްވެސް ސްޕެއަރ ވިއްކުން އެމެރިކާއާއި ޔޫރަޕްގެ ޤައުމުތަކުން މަނާކޮށްފައިވުމެވެ. މިއީ އީރާނުގެ ރައްޔިތުންނަށް އަމާޒުކޮށްގެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅެއް ކަމަށް އީރާނުން ތުހުމަތު ކުރެއެވެ. މަދަނީ މަތިންދާބޯޓުގެ ޓެކްނޮލޮޖީ އީރާނަށް ނުވިއްކުމަކީ އީރާނުގެ އިސްލާމީ އިންޤިލާބާގުޅިގެން އެޤައުމު ކުޑަކަކޫ ޖެއްސުމަށް އެމެރިކާ އިސްވެ އޮވެގެން އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އީރާން މިހާރުވަނީ ކުދި މަތިންދާބޯޓާއި މެދު ސައިޒްގެ ފަސިންޖަރު މަތިންދާބޯޓު އުފެއްދުމުގެ މަޝްރޫޢެއް ރަޝިޔާއާއި ޔުކްރޭންގެ ފަންނީ އެހީއާއެކު ފަށާފައެވެ. މިމަޝްރޫޢުގެ ދަށުން އުފައްދާ މަތިންދާބޯޓުތައް 2013 ވަނަ އަހަރު އީރާނުގެ ބާޒާރަށް ނެރެވޭނެ ކަމަށް ޚަބަރުލިބެއެވެ. މިމަޝްރޫޢުން އީރާނުގެ ވައިގެ ދަތުރުފަތުރުގެ މައްސަލަ މުޅިން ޙައްލުނުކުރެވުނަސް މިމަޝްރޫޢުގެ ސަބަބުން އީރާނުގެ ވައިގެ ދަތުރުފަތުރަށް މުސްތަޤްބަލްގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެޤައުމުގެ މީޑިޔާ ބުނެއެވެ. އަދި ޗައިނާއިން މިހާރު ފަށާފައިވާ މަދަނީ މަތިންދާބޯޓު އުފެއްދުމުގެ މަޝްރޫޢުގެ ދަށުން 2015 ވަނަ އަހަރު ޗައިނާގެ މަތިންދާބޯޓުތައް ދުނިޔޭގެ ބާޒާރަށް ނުކުތުމުން މަދަނީ މަތިންދާބޯޓުގެ ސިނާޢަތުގައި އެމެރިކާއާއި ޔޫރަޕަށް މިހާރު ލިބިފައިވާ މޮނޮޕޮލީ ގެއްލި އެމެރިކާއާއި ޔޫރަޕްގެ ޙިސާރު ފޫއަޅުވާލެވޭނެ ކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެއެވެ.