08 Jul 2014, 11:27
މި ސަރުކާރުގެ ފަސް އަހަރު ތެރޭގައި އައްޑޫ ސިޓީގައި ގެސްޓް ހައުސްތައް ގާއިމްކޮށް ޓޫރިސްޓުން ބައިތިއްބާ އެނދުގެ އަދަދު 5000 އަށް އިތުރު ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ހާއްސަ އިގްތިސޯދީ ޒޯންގެ ބިލްގެ ދަށުން އަންނަ ފުރަތަމަ ޒޯން އަކީ އައްޑޫ ސިޓީ ކަމަށާއި އެގޮތުން އެ މަޝްރޫގެ ދަށުން މި ފަސް އަހަރު ނިމޭ އިރު އައްޑޫ ސިޓީގައި ގެސްޓްހައުސްތައް ތަރައްގީކޮށް 5000 އަށް ވުރެ ގިނަ އެނދު ތަރައްގީ ކުރާނެ ކަމަށެވެ.
އަދީބު ވިދާޅުވީ އިގްތިސޯދީ ޒޯންގެ ބިލުގެ ދަށުން ތަރައްގީ ވެގެންދާ ޒޯންތަކުގެ ގޭޓްވޭ އަކަށް އައްޑޫ ސިޓީ ވާނެ ކަމަށާއި އެކަންކަން ހަލުވި ދުވެއްޔެއްގައި ގެއްދިޔުމަށް އިކޮނަމިކް ޒޯންގެ ބިލްތަކާއި ތަރައްގީގެ މަޝްރޫތަކާ ބެހޭ އެހެން ބިލްތައް ވީހާ ވެސް އަވަހަށް ފާސްކޮށް ދެއްވުމަށް ވެސް މަޖިލީހުގެ މެންބަރުންގެ އަރިހުން އަދީބު އެދިވަޑައިގަތެވެ.
ގެސްޓްހައުސްތައް ތަރައްގީ ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ކުރާ މަސައްކަތްތަކަށް ތާއީދު ކުރައްވާ ކަމަށާއި މިހާރު މަޖިލީހަށް ހުށައަޅާފައި ހުރި ބިލްތައް ފާސްކޮށްގެން މަޝްރޫތައް ފެށުމާ އެކު މުޅި އައްޑޫ ސިޓީއާއި މަރަދޫ ތަރައްގީ ވެގެންދާނެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
މީގެ ކުރިން އައްޑޫ ސިޓީގައި ބަޔަކު މީހުން ހިންގާފައި ހުރި ހުޅުޖެހުން ކަހަލަ ދަށުދަރަޖައިގެ އަމަލުތަކެއްގެ ސަބަބުން އެ މަޝްރޫތަކަށް އިންވެސްޓް ކުރަން ތިބި އިންވެސްޓަރުން ވެސް އިންވެސްޓްކުރަން ޖެހިލުންވާ ކަމަށާއި ނަމަވެސް އެފަދަ ކަމެއް ދެން ނުހިނގާނެ ކަމުގެ ޔަގީންކަން އެ ފަރާތްތަކަށް އަރުވާފައި ވާނެ ކަމަށް ވެސް މިނިސްޓަރު އަދީބު ވިދާޅުވި އެވެ.
ފަސް އަހަރުތެރޭ އައްޑޫ ސިޓީގައި 5000 އެނދު ތަރައްގީ ކުރާ އިރު އައްޑޫ ސިޓީގެ ތަރައްގީ އަށް ސަރުކާރުން ކޮށްފައިވާ ޕްލޭންތައް މިމަހު ފާޅު ކުރައްވާނެ ކަމަށް އަދީބު ވިދާޅުވި އެވެ.