08 Jul 2014, 11:18
މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މެންބަރުންގެ މެދުގައި ހަމަނުޖެހުން އުފެދުމުގެ ސަބަބުން މެދުކަނޑާލައިފި އެވެ.
މިއަދުގެ ޖަލްސާގެ އެޖެންޑާގައި ގިނަ މަސައްކަތްތަކެއް ވަނިކޮށް އިދިކޮޅު އެމްޑީޕީގެ މެންބަރުންނާއި ސަރުކާރު ހިންގާ ކޯލިޝަންގެ މެންބަރުންނާ ދެމެދު ދެބަސްވުން އުފެދިގެންދިޔައީ ޓޫއަރިޒަމް މިނިސްޓަރު އަހުމަދު އަދީބާ ސުވާލު ކުރައްވަމުން ދަނިކޮށެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ މެންބަރުންނާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންނާ ދެމެދު ދެބަސްވުން އުފެދެން މެދުވެރިވި ސަބަބަކީ މިނިސްޓަރު އަދީބް އާ ސުވާލުކުރަން ހުޅުވާލި ފުރުސަތުގައި "ޓޫއަރިޒަމް މިނިސްޓްރީއަކީ ރާއްޖޭގައި އެންމެ ކޮރޮޕްޓް މިނިސްޓްރީ" ކަމަށް ވަރަށް ގަނަ މީހުން ބަނަމުންދާ ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވުމުގެ ސަބަބުންނެވެ.
އަލީ އާޒިމް އެހެން ވިދާޅުވުމުން ސަރުކާރަށް ތާއިދު ކުރައްވާ މެންބަރުން އަޑުގަދަ ކުރައްވަން ފެއްޓެވި އެވެ. އަދި އަލީ އާޒިމް ވިދާޅުވީ "ދެން ސުވާލު ކުރުމުގެ ފުރުސަތު އިތުރަށް ނުދެއްވާނެ" ކަމަށެވެ.
އެ މައްސަލާގައި މެންބަރުގެ މެދުގައި އުފެދުނު ހަމަނުޖެހުމުގައި އެއް މެމްބަރަކު އަނެއް މެންބަރެއްގެ ގަޔަށް އަތްލާ ހިސާބަށް ދިޔަ ތަން ފެނުނެވެ. ނަމަވެސް އަޑު ކަނޑާލާފައި ހުރުމުން އެ ބޭފުޅުން ދެއްކެވި ވާހަކަފުޅުތައް ސާފުވާ ގޮތެއް ނުވި އެވެ.
ތަޅުމުގައި ހިނގި ހަމަނުޖެހުމުގެ ސަބަބުން މަޖިލީހުގެ ނިޒާމް ގެއްލި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުހައްމަދު ވިދާޅުވީ މައްސަލަ ހައްލު ކުރެއްވުމަށް މިއަދުގެ ޖަލްސާ މެދުކަނޑުއްވާލެއްވީ ކަމަށެވެ.