ކާބުލް (ޖުލައި 8): މިދިޔަ މަހުގެ 14 ވަނަ ދުވަހު ބޭއްވި އަފްޣާން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އަޝްރަފް އަބްދުލްޣަނީ ކާމިޔާބު ކުރެއްވި ކަމަށް ވަގުތީ ނަތީޖާ އިން ހާމަވެއްޖެ އެވެ.

އަފްޣާން އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން އިއްޔެ އިޢްލާންކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން މިއިންތިޚާބުގައި ވާދަކުރެއްވި އަބްދުﷲ އަބްދުﷲ ބަލިކުރެއްވުމަށް ފަހު ބޮޑުތަފާތަކުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ އަޝްރަފް އަބްދުލްޣަނީ އެވެ. ޣަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާފައި ވަނީ 56.4 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. މިއިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި އަބްދުﷲ އަބްދުﷲ އަށް ދެވަނަ ބުރުގައި ލިބިވަޑައިގެންފައި ވަނީ 43.6 އިންސައްތަ ވޯޓު ކަމަށާއި ދެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ވޯޓުތަކުގައި މިލިޔަނެއްހާ ވޯޓުގެ ތަފާތެއްވާ ކަމަށް އަފްޣާން އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން އިއްޔެ އިޢްލާންކުރި ނަތީޖާގައި ބުނެ އެވެ.

އަބްދުﷲ އަބްދުﷲ ވަނީ މިކަމާދެކޮޅު ހައްދަވައި އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވާނެކަން އިޢްލާން ކުރައްވާފަ އެވެ. އަބްދުﷲގެ ތަރްޖަމާނަކު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ނަތީޖާ ގަބޫލުކުރެއްވުމަށް އަބްދުﷲ ދެކޮޅު ހައްދަވާ ކަމުގަ އެވެ. އެނަތީޖާއަކީ ރައްޔިތުންގެ ވޯޓާ ދެކޮޅަށް ވަކިބަޔަކު ގެނައި އިންގިލާބެއް ކަމަށް އަބްދުﷲ ދެކެވަޑައިގަންނަވާ ކަމަށް ވެސް ތަރްޖަމާން ވިދާޅުވި އެވެ. އަޝްރަފް އަބްދުލްޣަނީ އަކީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އަބްދުﷲ އަބްދުﷲ އަށް ވުރެ މާމަދުން ވޯޓުލިބިވަޑައިގެންނެވި ބޭފުޅެކެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޣަނީ އަށް 31.5 އިންސައްތަ ވޯޓު ލިބިވަޑައިގެންފައިވާ އިރު އަބްދުﷲ އަށް 45 އިންސައްތަ ވޯޓު ލިބިވަޑައިގެންފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފުރަތަމަ ބުރުގައި ޣަނީ އަށް ލިބިވަޑައިގެންނެވި ވޯޓުގެ ނިސްބަތް މަދުވެގެން ދިޔައީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އަފްޣާނިސްތާނުގެ ޕޮޝްތޫ ދަރިކޮޅުގެ އެތައް ކެންޑިޑޭޓުންނެއް ފުރަތަމަ ބުރުގައި ވާދަކުރެއްވުމާ އެކު ކެންޑިޑޭޓުންގެ މެދުގައި ޕޮޝްތޫ ދަރިކޮޅުގެ މީހުންގެ ވޯޓުތައް ބެހިގެން ދިޔުމުގެ ސަބަބުންނެވެ. އެތައްނަސްލެއްގެ މައްޗަށް އެކުލެވޭ އަފްޣާނިސްތާނުގެ އާބާދީގައި ގިނައީ ޕޮޝްތޫ ދަރިކޮޅުގެ މީހުންނެވެ. ދެވަނަ އަށް އެންމެ ގިނައީ ތަޖިކް ދަރިކޮޅުގެ މީހުންނެވެ. ރިޔާސީ އިންތިޚާބުގައި ބަލިވެވަޑައިގެންނެވި އަބްދުﷲ އަބްދުﷲ އަކީ ތަޖިކް ދަރިކޮޅުގެ ބޭފުޅެކެވެ. އެހެންކަމުން ތަޖިކް ދަރިކޮޅުގެ ގިނަވޯޓުތަކެއް އަބްދުﷲ އަށް ލިބިވަޑައިގަތް ނަމަވެސް ޕޮޝްތޫ ދަރިކޮޅުގެ މަދުބައެއްގެ ވޯޓު ނޫނީ އޭނާއަށް ލިބިވަޑައިނުގަންނަވާނެ ކަމަށް ކުރިން ކޮށްފައިވާ ޚިޔާލު ހޯދުމުގެ ސާވޭތަކުންވަނީ ހާމަވެފަ އެވެ.

އަފްޣާން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބުވެވަޑައިގެންނެވި ޕޮޝްތޫ ދަރިކޮޅުގެ ހުރިހާ ކެންޑިޑޭޓުން ވެސް ވަނީ ދެވަނަ ބުރުގައި އެބޭފުޅުންގެ ތާއީދުއޮންނާނީ އަޝްރަފް ޣަނީއަށްކަން ހާމަކުރެއްވުމަށް ފަހު ޣަނީ އަށް ވޯޓު ދިނުމަށް އެބޭފުޅުންނަށް ވޯޓުދެއްވި ފަރާތްތަކަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި ފުރަތަމަ ބުރުގައި ނާކާމިޔާބުވެވަޑައިގެންނެވި ޕޮޝްތޫ ދަރިކޮޅުގެ ބައެއް ކެންޑިޑޭޓުން ދެވަނަ ބުރުގައި ވަރަށް ފާޅުކަންބޮޑުގޮތެއްގައި ޣަނީއަށް ކޭންޕޭން ކޮށްދިނުމުގައި ވެސް ހަރަކާތްތެރިވެ ވަޑައިގެންފައިވެ އެވެ.

އަފްޣާނިސްތާނުގެ އިންތިޚާބުތަކާބެހޭ ކޮމިޝަންގެ ވެރިޔާ އަޙްމަދު ޔޫސުފް ނޫރިސްތާނީ ވިދާޅުވީ މިއީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ކަމަށާ ދާއިމީ ނަތީޖާ އިޢްލާން ކުރުމުގެ ކުރިން ހަތަރު ވަރަކަށް މިލިޔަން ވޯޓު އަލުން ގުނުމަށް ހަމަޖެހިފައިވާ ކަމުގައެވެ. މިވޯޓުތައް އަލުން ގުނަނީ އޭގެ ސައްހަ ކަމާމެދު ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން ކަމަށާއި މިއާ އެކު ވޯޓުގެ ނިސްބަތަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ނޫރިސްތާނީ ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ގަބޫލުކުރެއްވުމަށް މިއިންތިޚާބުގައި ނާކާމިޔާބު ވެވަޑައިގެންނެވި އަބްދުﷲ އަބްދުﷲ ދެކޮޅު ހެއްދެވުމަކީ އަފްޣާނިސްތާނުގައި އިތުރު އަރާރުންތަކެއް އުފެދުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ވަނީ ބެލެވިފަ އެވެ. ރިޔާސީ އިންތިޚާބަށް ފަހު އަފްޣަނިސްތާނަށް އަންނާނެ ކަމަށް ރައްޔިތުން އުންމީދުކޮށްގެންތިބި ހަމަޖެހުން މިކަމުގެ ސަބަބުން ގެއްލިގެން ދިޔުމުގެ ބިރު ހީވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަފްޣާން ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އަޝްރަފް އަބްދުލްޣަނީ އަކީ ވޯލްޑް ބޭންކުގެ އިގްތިސާދީ ތަޖްރިބާކާރެއްގެ ގޮތުގައި ޚިދްމަތްކުރައްވާފައިވާ ވަރަށް އިލްމީ ބޭފުޅެކެވެ. އޭނާ ވަނީ މިހާރުގެ ރައީސް ހާމިދުކަރުޒާއިގެ ވެރިކަމުގައި ވެސް އަފްޣާނިސްތާނުގެ ފިނޭންސް މިނިސްޓަރުކަން ކުރައްވާފަ އެވެ. އަބްދުﷲ އަބްދުﷲ އަކީ ކަރުޒާއިގެ ސަރުކާރުގައި ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. (ނޫސްއެޖެންސީތައް)