މަނާމާ (ޖުލައި 8) : އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީގެ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކާ ބެހޭ އެހީތެރިޔާ ތޯމަސް މެލިނޮވުސްކީ ބަހްރައިންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަމުންދާ ކަމަށް ތުހުމަތު ކުރުމަށް ފަހު އޭނާ ބަހްރައިން ދޫކޮށް ވަގުތުން ފުރާވަޑައިގަތުމަށް އެގައުމުގެ ޚާރިޖީ ވުޒާރާ އިން އޭނާ އަށް އަންގައިފި އެވެ.

މިކަމާބެހޭ ގޮތުން ބަޙްރައިންގެ ޚާރިޖީ ވުޒާރާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރުގެ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކާބެހޭ އެހީތެރިޔާ ތޯމަސް މެލިނިވުސްކީ ބަހްރައިންއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ބަހްރައިންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަަންނަވައި އެގައުމުގައި ހަމަޖެހުމާއި ރައްޔިތުންގެ މެދުގައި ބައިބައިވުމަށް މަގުފަހިވާ ގޮތަށް ކަންތައްތައް ކުރައްވަމުން ގެންދަވާތީ މެލިނޮވުސްކީ އަށް މެހްމާންދާރީ އަދާކުރުމަށް ބަހްރައިން ސަރުކާރުން ބޭނުންނުވާ ކަމުގަ އެވެ. އަދިމެލިނޮވުސްކީ ބަހްރައިންއިން މަރުހަބާކިޔާ ބޭފުޅެއް ނޫންކަމަށާއި ބަހްރައިން އިން ވަގުތުން ފުރާވަޑައިގަތުމަށް ރަސްމީކޮށް އޭނާއަށް އަންގާފައިވާނެ ކަމަށް ވެސް އެގައުމުގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާ އިން ވަނީ ބަހްރައިންގެ މިނިންމުމާމެދު ހިތާމަކުރާކަން ހާމަކޮށްފަ އެވެ. ބަހްރައިން އަކީ އެގައުމުގައި ރަސްކަންކުރާ އާލު ޚަލީފާގެ އާއިލާގެ ވިރާޘީ ރަސްކަމުގެ ނިޒާމު ހިމާޔަތް ކުރުމަށް އެމެރިކާ އަށް ބަރޯސާވާ ގައުމެކެވެ. މިގޮތުން ގަލްފުގެ ކަނޑުއޮޅީގައާއި އަރަބި ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ ކަނޑުގެ ސިފައިންގެ މައި މަރުކަޒު ހުންނަނީ ވެސް ބަހްރައިން ގައެވެ. އަރަބި އެހެން ގައުމުތަކާ އަޅާބަލާ އިރު ކުޑަ ގައުމެއް ކަމަށްވާ ބަހްރައިން އަކީ ބިންކުޑަ އާބާދީ މަދު އަދި ގަލްފުގެ އަރަބި އެހެން ގައުމުތަކާ އެއްގޮތަށް ތެލުގެ މުއްސަނދިކަންނެތް ގައުމެއް ނަމަވެސް އެގައުމަކީ ބައިނަލްއަގްވާމީ މާލީ ޚިދްމަތްތައް ފޯރުކޮށްދިނުމުގެ މަރުކަޒެއްގެ ގޮތުގައި މަޝްހޫރު ގައުމެކެވެ. އަދި ސައޫދީ އަރަބިޔާ ފަދަ ގައުމުތަކުގެ އެހީތަކާއި ބައިނަލްއަގްވާމީ މާލީ ޚިދްމަތްތައް ފޯރުކޮށްދިނުމުގެ މަރުކަޒެއްގެ ގޮތުން ލިބޭ އާމްދަނީއާ އެކު ބަހްރައިންއަކީ ވެސް ފަގީރު ގައުމެއްނޫނެވެ.

ބަހްރައިން އަށް ސިޔާސީ އިސްލާޙްތައް ގެނަސް ރަސްގެފާނުގެ ބާރުތައް ކުޑަކޮށް ރައްޔިތުން ކޮންމެވެސް ވަރަކަށް ބާރުވެރި ކުރުވުމަށްޓަކައި އެގައުމުގެ އިދިކޮޅު ވިފާގް މޫމެންޓުން ގެންދަނީ މިހާރުގެ ރަސްގެފާނު ހަމަދް ބިން ޢީސާ އާލް ޚަލީފާގެ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަމުންނެެވެ. (ނޫސްއެޖެންސީތައް)