އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާ ތަމްސީލްކުރައްވަމުން ގެންދަވާ ކައުންސިލަރު އަބްދުﷲ އަސްވާން އަށް ހާޓް އެޓޭކެއް ޖެހުމުގެ ސަބަބުން ރޭގެ ވަގުތެއްގައި އަވަހާރަވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވީ، އަސްވާން އަށް ހާޓް އެޓޭކެއް ޖެހިފައި ވަނީ ރޭ ދަންވަރު 3:00 އެހާކަންހާއިރު ގޭގައި އިންނަވަނިކޮށް ކަމަށާއި އެ މައުލޫމާތު ކައުންސިލަށް ލިބުނީ އަސްވާންގެ އަނބިކަނބަލުންގެ ފަރާތުން ކަމަށެވެ.

އެވަގުތު އަސްވާން އެންމެ ފުރަތަމަ ގެންދިޔައީ ފޭދޫ ސިއްހީ މަރުކަޒަށް ކަމަށާއި އެތަނުން ހިތުގެ ޑޮކްޓަރެއް އޭނާ ބެއްލެވުމަށް ފަހު "ހިތުގެ މަސައްކަތް ހުއްޓިފައި"ވާ ކަމަށް ވިދާޅުވި ކަމަށް ވެސް މޭޔަރު ސޯދިގު ވިދާޅުވި އެވެ.

އަސްވާން އަކީ ކައުންސިލްގެ މަސައްކަތްތައް ކުރުމުގައި ވަރަށް ހީވާގި ކަމާއެކު މަސައްކަތް ކުރައްވަމުން އަންނަ މުއައްޒަފެއް ކަމަށާއި އޭނާ ވަޅުލާން ހަމަޖެހިފައި ވަނީ މިއަދު މެންދުރު ނަމާދަށް ފަހު ކަމަށް ސޯދިގު ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން އައްޑީ ސިޓީގެ ހޮސްޕިޓަލެއްގެ ފަރާތުން އަދި ވަނީ މައުލޫމާތު ލިބޭގޮތް ނުވެފަ އެވެ.