ދިރާގު ދިވެހި ލީގުގައި މަހިބަދޫ ސްޕޯޓްސް ކްލަބު އަތުން ފަސޭހަކަމާއެކު މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަލުން ލީގުގެ އެއްވަނަ މަގާމަށް އަރައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ މަހިބަދޫ އަތުން ނިއު މޮޅުވީ 4-0 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ނިއުގެ ފަރާތުން އެންމެ ލަނޑެއް ފެނުނު ނަމަވެސް ދެވަނަ ހާފުގައި އެ ޓީމުން ތިން ލަނޑު ކާމިޔާބުކުރި އެވެ.

ޖުމްލަކޮށް ނިއުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އެ ޓީމުގެ އެންމެ މޮޅު ކުޅުން ދައްކާލެވުނީ މެޗުގެ ދެވަނަ ހާފުގަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ނިއު އަށް ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑަކީ މެޗުގެ 14 ވަނަ މިނެޓްގައި އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު އިބްރާހިމް ފަޒީލް (އޮއްޕޮ) ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ނުވަ މިނެޓް ފަހުން ނިއު އަށް ލީޑު ފުޅާކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. މަހިބަދޫގެ ޕެނެލްޓީ އޭރިޔާ ތެރެއަށް ވަދެ ސެންޓޭ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކަނަށެވެ. އޭގެ ހަތަރު މިނެޓް ފަހުން ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން މަހިބަދޫގެ ހުސައިން ނިޔާޒު (ބޮކުރީ) އަށް ނިއުގެ ބިދޭސީ ކުޅުންތެރިޔާ ޑޭން މިލޮނޮވިޗް ކުރި ފައުލާ ގުޅިގެން މަހިބަދޫ އަށް ޕެނަލްޓީ އެއް ލިބުނެވެ. ނަމަވެސް ބޮކުރީ ފޮނުވާލި އެ ޕެނަލްޓީ ދިޔައީ ނިއުގެ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ނިއުގެ ތިންވަނަ ލަނޑު، މެޗުގެ 64 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އެވެ. އަދި ނިއުގެ ފަހު ލަނޑު މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް، އެ ޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ސެންޓޭ އެވެ.

މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނިއުގެ މެނޭޖަރު އިސްމާއިލް ވިޝާމު ބުނީ، ޓީމުގެ ކުޅުމާއި މެޗު ހިތްހަމަޖެހޭ ކަމަށް ވިޔަސް ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ. އަދި މެޗުގެ ފުރަތަމަ ކޮޅުގައި ނިއުގެ ފެށުން އެންމެ ރަނގަޅު ނޫން ކަން އޭނާ ފާހަގަކުރި އެވެ.

މަހިބަދޫ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނީ، ބަލިވި ނަމަވެސް ޓީމުގެ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި ކުޅުންތެރިންގެ ފަރާތުން ކުރިއެރުން ފެންނަ ކަމަށެވެ. އަދި ޓީމުގެ ކޮންސްޓްރޭޝަން މައްސަލަތަކެއް ހުރި ކަމަށާއި އެކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.

މިވަގުތު ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާ އިރު، ކުޅުނު ތިން މެޗުން ލިބުނު ނަވަ ޕޮއިންޓާ އެކު ނިއު އޮތީ އެއްވަނައިގަ އެވެ. އަދި ދެވަނައިގައި އޮތް އީގަލްސް އަށް ވެސް ލީގުގައި ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ. ނިއު ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ހަތް ޕޮއިންޓާ އެކު ތިންވަނައިގައި މާޒިޔާ އޮތް އިރު، ހަތަރު ވަނައިގައި އޮތް ވެލެންސިއާ އަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ.

ލީގުގައި ދެން މެޗެއް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ލީގުގެ ފުލުގައި އޮތް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އާއި ހަތަރު ވަނައިގައި އޮތް ކްލަބު ވެލެންސިއާ އެވެ.