"ޔުނިޓީ ތުރޫ ފުޓްސަލް" ޕްރޮގްރާމްގެ ދަށުން ސިފައިން، ރާއްޖޭގައި ހެދި ހަތަރު ވަނަ ފުޓްސަލް ދަނޑު ހދ. ކުޅުދުއްފުށީގައި ތައްޔާރުކޮށް ޑިފެންސް މިނިސްޓްރީގެ ފަރާތުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއާ ރަސްމީކޮށް މިރޭ ހަވާލުކޮށްފި އެވެ.

ޔޫތު މިނިސްޓްރީގެ "ސްޕޯޓްސް އެރީނާ މަޝްރޫއު"ގެ ދަށުން، ގާއިމްކުރި އެ ފުޓްސަލް ދަނޑު ހަދާފައި ވަނީ އެސްޓީއޯއާއި ޑިފެންސް މިނިސްޓްރީގެ އެހީތެރިކަމާ އެކުއެވެ. އެގޮތުން ކުޅުދުއްފުއްޓާއި ފުވައްމުލަކުގައި ފުޓްސަލް ދަނޑު ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، މިއަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.

އެސްޓީއޯ ނޫފަހި ފުޓްސަލް ދަނޑުގެ ނަމުގައި ކުޅުދުއްފުށީގައި ސިފައިން ތައްޔާރުކުރި އެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު މުޙައްމަދު މަލީޙް ޖަމާލެވެ. އަދި އެ ރަސްމިއަޔާތުގައި މަރުޙަބާ އާއި ޝުކުރު ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމެވެ.

އެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޮމާންޑަރު ކާނަލް ޢަބްދުﷲ ޒުހުރީ އާއި ހދ. އަތޮޅު ކައުންސިލްގެ ރައީސް އާދަމް ނާސިރާއި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދުގެ އިތުރުން ފުޓްސަލް ދަނޑު ސިފައިން ހަދަމުންދިޔައިރު އެހީތެރިވި ފަރާތްތަކުންނާއި، ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ޒުވާނުން ބައިވެރިވި އެވެ.

މިސްޓަރު ނާޒިމްގެ ވާހަކަފުޅުގައި، ޒުވާނުންނަށް އަމާޒުކޮށްގެން ތައްޔާރު ކުރަމުން ގެންދާ ފުޓްސަލް ދަނޑުތަކުގެ ސަބަބުން، ޒުވާނުންގެ ހުސްވަގުތު ހަރުދަނާ ގޮތުގައި ބޭނުން ހިފުމަށް ފުރުސަތު ލިބިގެންދާނެ ކަމަށާއި، އަދި ސިފައިން ކޮށްދޭ އެފަދަ އިޖުތިމާއީ ކޮންމެ ކަމަކީވެސް ރައްޔިތުންނަށްޓަކައި ކޮށްދޭ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

އެސްޓީއޯ ނޫފަހި ފުޓްސަލް ދަނޑު ޔޫތު މިނިސްޓްރީއާ ރަސްމީކޮށް ހަވާލު ކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން އެދަނޑު، ހަވާލުކުރިކަމުގެ ލިޔުމާ ހަވާލުވެވަޑައިގަތީ މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލެވެ.

ޔޫތު މިނިސްޓްރީއާއި ދަނޑު ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު އެ ފުޓްސަލް ދަނޑުގައި އެކުވެރި ކަމުގެ ދެ މެޗެއް މިރޭ ވަނީ ކުޅެފައެވެ. އެގޮތުން އެމްއެންޑީއެފްގެ ޓީމަކާއި އެސްޓީއޯ މުވައްޒަފުންގެ ޓީމަކާއި ދެމެދު އެކުވެރިކަމުގެ ފުރަތަމަ މެޗް ކުޅެފައިވާއިރު، ދެވަނަ މެޗް ކުޅެފައި ވަނީ ކުޅުދުއްފުށިން ހޮވާލެވުނު ޒުވާނުންގެ ދެ ޓީމެއްގެ ދެމެދުގައެވެ.

ޑިފެންސް މިނިސްޓްރީން ބުނީ، ޔޫތު މިނިސްޓްރީއާއި ރަސްމީކޮށް ދަނޑު ހަވާލު ކުރުމުން އެ ދަނޑާއިބެހޭ ހުރިހާ ކަމެއް ބަލަހައްޓާނީ ޔޫތު މިނިސްޓްރީން ކަމަށެވެ.

ޑިފެންސް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީއާއި އެސްޓީއޯ އަދި އެފްއޭއެމް ގުޅިގެން ހިންގާފައިވާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ ދިވެހި ސިފައިންނެވެ.