08 Jul 2014, 00:53
އާޖެންޓީނާއަކީ ހައިރާންވާ ވަރުގެ ކުޅުމެއް ކުޅޭ ޓީމެއް ނޫން ކަމަށާއި އެއީ އާދައިގެ ޓީމެއްގެ ގޮތުގައި ސިފަކުރަމުން، ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީއަށް ކާޑުދައްކަން ވޯލްޑް ކަޕް ރެފްރީން ބިރުގަނެ ޖެހިލުންވާ ކަމަށް ބެލްޖިއަމްގެ ކޯޗް މާކް ވިލްމޮޓްސް ބުނެފި އެވެ.
މެސީ ވަނީ މިފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ގޮންޒާލޯ ހިގައިން ޖަހައިދިން ލަނޑާއެކު ބެލްޖިއަމް މުބާރާތުން ކަޓުވާލައި 24 އަހަރަށް ފަހު އާޖެންޓީނާ ވޯލްޑް ކަޕްގެ ސެމީއަށް ގެންގޮސް ދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.
އެހެން ނަމަވެސް ބެލްޖިއަމްގެ ކޯޗް މިލްމޮޓްސް ބުނީ، ކުއާޓާގައި ބެލްޖިއަމް އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގެ ރެފްރީއަކަށް ހުރި އިޓަލީގެ ނިކޯލާ ރިޒޯލީ ވަނީ، އާޖެންޓީނާގެ ސުޕަސްޓާއަށް ކާޑު ދެއްކުމުގައި ފަސްޖެހިފައި ކަމަށެވެ.
"އަހަރެމެން ގަބޫލުކުރަން އާޖެންޓީނާގެ ސްޓާ ޕްލެއާ އަތުން ބޯޅަ ހޯދުމަކީ އުނދަގޫ ކަމެއްކަން. އެމަކު އޭނާ ވަނީ ދެތިން ޓެކްލްއެއް ކޮށްފައި. އަހަރެން ބޭނުމެއް ނޫން 'ކްރައިބޭބީ'އަކަށް ވާކަށް، އެކަމަކު ރެފްރީގެ ގިނަ ނިންމުންތައް ގޮސްފައި ވަނީ އާޖެންޓީނާއަށް އެއްކޮޅަށް،" ރަތަށް އަރާފައި ހުރެ، ބެލްޖިއަމްގެ ކޯޗު ބުންޏެވެ. "މެސީ ތިން ފައުލު ކުރި، އެކަމަކު ރީނދޫ ކާޑެއް ނުދައްކާ. އަހަރެމެންގެ ކުޅުންތެރިން އެންމެ ފައުލެއް ކުރީމަވެސް ރީނދޫ ކާޑު ދެއްކި. އެންމެނަށްވެސް އެނގޭ މެސީއަކީ އާދަޔާ ހިލާފު މޮޅު ކުޅުންތެރިއެއް ކަން. އެކަމަކު މެޗުގެ ފަހުކޮޅަށް ދިޔައިރު އާޖެންޓީނާ ކުޅުންތެރިން ތިބީ، ވަރުވަލިވެ އަކުނިވަޔަށް ދަމަން ފަށާފައި. އަހަރެމެން އެމަންޒަރު ދުށިން."
"އަހަރެމެންނަށް ނަތީޖާ އެއްވަރު ކުރެވުނު ނަމަވެސް އެމީހުންގެ ދުވަސް އެއްކޮށް ދިޔައީސް،" ވިލްމޮޓްސް ބުންޏެވެ.
އާޖެންޓީނާގެ ކުޅުމަށާއި ރެފްރީގެ ނިޔާތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ވިލްމޮޓްސް ބުނީ، އާޖެންޓީނާގެ ތަޖުރިބާކާރު ކުޅުންތެރިން އެ ކުޅުންތެރިންގެ ތަޖުރިބާ ވެސް ވަރަށް ރަނގަޅަށް މެޗުގައި ބޭނުން ކުރި ކަމަށެވެ. އެގޮތުން އެއްލުމަކަށް ލިބޭ ބޯޅަ އެއްލަން ވެސް 20 ވަރަކަށް ސިކުންތު ވަންދެން މަޑުކޮށްލާފައި ބޯޅަ އެއްލުމުން ވެސް ރެފްރީއަށް އެ މަންޒަރު ފެނިފައި ނުވާކަމަށް ބެލްޖިއަމް ކޯޗު ބުންޏެވެ.
ބެލްޖިއަމް ޓީމުގެ ކޯޗު ބުނީ، އޭނާގެ ޓީމަކީ، މިފަހަރުގެ ކުއާޓާ ފައިނަލްގައި ވާދަކުރި އެންމެ ޒުވާން ޓީމު ކަމަށާއި އެ ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާއި ހިތްވަރަށް ތައުރީފު ހައްގު ކަމަށެވެ.