މީގެ ކުރިން ވޯލްޑް ކަޕްގެ މެޗުތައް ދިމާކުރުމުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދީ، "ޕައުލް އޮކްޓޯޕަސް" ކިޔާ ބޯވައެކެވެ. އާދަޔާ ހިލާފު ވިސްނުމުގެ ބާރެއް ލިބިފައިވާ ކަމަށް އަޑުފެތުރުނު އެ ބޯވަ ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް މެޗާއެކު އަށް މެޗެއްގެ މޮޅުވާނެ ޓީމު ދިމާކޮށްފައެވެ. މިފަހަރު އެކަމަކު ބޯވައެއް ނޫނެވެ. އަދި ވެލައެއް ވެސް ނޫނެވެ. މިފަހަރުގެ ވޯލްޑް ކަޕް މެޗުތައް ލަފާކުރުމުގައި އެންމެ ކުރީގައި އުޅޭ ކަމަށް ވަނީ މައިކްރޯސޮފްޓް "ކޯޓާނާ" ޑިޖިޓަލް އެސިސްޓެންޓް އެވެ.

އެޕަލްގެ "ސިރީ"އާއި "ގޫގުލް ނައު"އާ ވާދަކުރުމަށް މައިކްރޯސޮފްޓުން ތައްޔާރުކޮށްފައިވާ ކޯޓާނާ ވަނީ މިފަހަރުގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލުގެ ހުރިހާ މެޗުތަކެއް ވެސް ދިމާކޮށްފައެވެ.

މައިކްރޮސޮފްޓް ވިންޑޯސް ފޯން 8.1 ގައި ހިމެނޭ "ކޯޓާނާ"ގެ ނަން ދެވިފައިވާ ޑިޖިޓަލް އެސިސްޓަންޓު ވަނީ، މިފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އާޖެންޓީނާ، ބްރެޒިލް، ޖަރުމަނުއަދި ނެދަލެންޑްސް މޮޅުވާނެ ކަމަށް ވަރަށް ޔަގީންކަމާއެކު ލަފާކޮށްފައެވެ.

މާދަމާރޭ އަމިއްލަ ފަސްގަނޑުގައި އެތަކެއް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ބްރެޒިލް ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާނޭ ކަމަށް ކޮޓާނާ ލަފާކުރަނީ ޖަރުމަނެވެ. އެހެން ކަމަށް ވެއްޖެ ނަމަ މިފަހަރު ވެގެންދާނީ 2002 ވަނަ އަހަރުގެ ފައިނަލުން ލިބުނު ނާކާމިޔާބީއަށް ފަހު ޖަރުމަނު ފުޓްބޯޅައިގެ އެންމެ ކާމިޔާބު ފަހަރު ކަމަށެވެ. އަދި ހަމަ އެހެންމެ ސެމީގެ އަނެއް މެޗުގައި ނެދަލެންޑްސްއާ ވާދަކޮށް އާޖެންޓީނާ މޮޅުވާނެ ކަމަށް ވެސް ކޯޓާނާ ވަނީ ލަފާކޮށްފައެވެ.

މައިކްރޯސޮފްޓް ސާޗް އިންޖިން "ބިން"ގެ ޑާޓާތަށް ފަރުވަތެރިކަމާއެކު އެނަލައިޒް ކުރުމަށްފަހު ކޯޓާނާ ވަނީ މިފަހަރުގެ ވޯލްޑް ކަޕް ނޮކްއައުޓް ރައުންޑުގެ މެޗުތައް ދިމާކޮށްފައެވެ. އެގޮތުން ކޮޓާނާ މިހާރު ވަނީ 10 މެޗުގެ ނަތީޖާ ދިމާކޮށް ޕައުލް އޮކްޓޯޕަސްގެ މައްޗަށް ކުރި ހޯދައިފައެވެ.

ރިޕޯޓުތައް ބުނާގޮތުން ކޯޓާނާގެ މި ކާމިޔާބު "މެޗު ޕްރެޑިކްޝަން"ތަކާއެކު އެޕަލްއިން ވެސް އެފަދަ މަސައްކަތެއް ކުރިއެވެ. އެހެން ނަމަވެސް "ކޯޓާނާ" ދޭފަދަ ޔަގީންކަން ބޮޑު ޖަވާބުތަކެއް "ސިރީ" ނުދޭކަމަށް ވެއެވެ.

ސިރީއާއި ގޫގުލް ނައުގެ ހާއްސަ ސިފަތައް އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ ކޯޓާނާގެ ކިބައިގައިވާ ގާބިލް ސިފަތަކުގެ ތެރޭގައި އާއްމުކޮށް ފޯނު ބޭނުން ކުރާ ގޮތާއި ސާޗް ކުރާ އެއްޗިއްސަށް ބިނާކޮށް، ފޯނު ބޭނުން ކުރާ މީހާ ހިޔާރު ކުރާ ކަންކަމަކީ ކޮބައިކަން ދެނެގަތުން ހިމެނެއެވެ. އަދި އެފަދަ މައުލޫމާތު ތަކުގެ އެހީގައި ފޯނު ބޭނުން ކުރާ މީހާގެ ޕާސަނަލައިޒްޑް ޑިޖިޓަލް އެސިސްޓަންޓެއްގެ ގޮތުގައި ކޯޓާނާ މަސައްކަތް ކުރެއެވެ.