10 Jan 2011, 08:05
މިއަހަރު ރިލީޒްވާ މަރިޔަމް އުނޫޝާ ނުވަތަ ކީޑީގެ ސޯލޯ އަލްބަމްގެ ޕްރޮމޯޝަނަލް ޓްއާ "ނެސްކެފޭ ޕްރެޒެންޓްސް އުނޫޝާ ލައިވް އިން ކޮލަމްބޯ" ގެ ނަމުގައި ލަންކާގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޝޯ އިންތިޒާމް ކުރާ ހައިރައިޒްގެ މާކެޓިން އެންޑް ސާވިސް ޑައިރެކްޓަރު ހަބީބާ ހުސެއިން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގެރޭ ލަންކާގެ ގަލަދާރީ ހޮޓަލްގެ ބޯލް ރޫމްގައި އޮންނަ ޝޯގެ ކައުންޓްޑައުން މިމަހުގެ 13 ވަނަ ދުވަހުގެރޭ ފަށާނެ ކަމަށެވެ.
~
އަދި ލަންކާގައި ބާއްވާ ޝޯ އަކީ އުނޫޝާގެ ސޯލޯ އަލްބަމްގެ ޕްރޮމޯޝަނަލް ޝޯ އަކަށް ވާތީ ލަންކާގެ އިތުރުން އިންޑިއާ، މެލޭޝިއާ އަދި ސިންގަޕޫރު ފަދަ ގައުމުތަކުގައި ބާއްވާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
ބުރާސްފަތި ދުވަހުގެރޭ ނަލަހިޔާ ހޮޓެލްގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަމުން އުނޫޝާ ބުނީ މި ޝޯއަކީ އުނޫޝާގެ ފުރަތަމަ ސޯލޯ ޝޯ އެއް ކަމަށާއި އަދި މި ޓުއާ އަކީ ޕްރޮމޯޝަނަލް ޓްއާއެއް ކަމަށެވެ.
ދިވެހި ލަވާ އާއި އިނގިރޭސި ލަވަ ވެސް ހިމެނޭ މި އަލްބަމްގެ ޕްރޮމޯޝަނަލް ޝޯ ގައި އުނޫޝާގެ އިތުރުން ރާއްޖޭގެ އެހެން އާޓިޝް ޓުން ވެސް ބައިވެރި ވެއެވެ. އަދި ލަންކާގެ ބައެއް އާޓިސްޓުން ވެސް ބައިވެރިވާނެ ކަމަށް ޝޯ އިންތިޒާމް ކުރާ ފަރާތުން ބުންޏެވެ.
އުނޫޝާގެ މެނޭޖަރު އަދި ފިރިމީހާ ހަމީޝް ބުނީ ބޭނުންވަނީ އުނޫޝާގެ ޓެލެންޓް ރާއްޖެ ނޫން އެހެން ގައުމުތަކުގައި ތަކުގައި ވެސް ދައްކާލުމަށް ކަމަށެވެ.
ލަންކާގައި ބާއްވާ މި ޝޯގެ ކައުންޓް ޑައުން މިމަހުގެ 13 ވަނަ ދުވަހުގެރޭ ފަށާއިރު ޝޯގެ ސްޕޮންސަރުން ވެސް ތަފާތު ޕްރޮމޯޝަންތައް ފަށާނެ ކަމަށް ހައި ރައިޒް އިން ބުންޏެވެ. ހައި ރައިޒް އިން އިންތިޒާމް ކުރާ މި ޝޯގެ މެއިން ސްޕޮންސަރަކީ ނެސްކެފޭ އެވެ. އަދި ކޯ ސްޕޮންސަރަކީ މާލޭ އޮޕްޓިކަލްސް އެވެ.