07 Jul 2014, 22:15
ހދ. ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރާ ބޮޑެއް ކަމަށް ތުހުމަތު ކުރާ މީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށްދީފި އެވެ.
ކުޅުދުއްފުށީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ، މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތުކުރާ 39 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ކުޅުދުއްފުށިން ނެވެ.
ހައްޔަރު ކުރި ދުވަހު އޭނާގެ ބަންދަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވެއެވެ. އެ 10 ދުވަސް މިއަދަށް ހަމަވުމާއެކު، ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެމީހާ ހައްޔަރު ކުރީ ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް، ފުޅާ ދާއިރާއެއްގައި އެތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މަސްތުވާތަކެއްޗާ އެކު އެމީހާ ހައްޔަރު ކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު ކުޅުދުއްފުއްޓަށް ދިޔަ މާލެ ދަތުރުކުރާ ބޯޓަކުން ގެންދިޔަ ފޮށިގަނޑަކާ އޭނާ ހަވާލުވި ވަގުތު އެވެ. އަދި އެ ފޮށިގަނޑާ އެކު އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި ބާޒާރު ކޮތަޅެއްގެ އިތުރުން މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ޒާތުގެ ގިނަ އަދަދެއްގެ ކުދި ޕެކެޓް ތަކެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ތަޙުލީލު ކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.