07 Jul 2014, 17:41
ޓީވީއެމާއި ވީޓީވީ ފިޔަވައި އެހެން އެއްވެސް ޗެނަލަކުން ފީފާ ވާލްޑްކަޕް ދެއްކުން ހުއްޓާލުމަށް މީޑިއާނެޓަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އަންގައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާ ނެޓަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ވޯލްޑްކަޕް ދެއްކުމުގެ ހުއްދަ ހޯދާފައިވާ ކަމަށް ބުނެ މީޑީއާނެޓުން ކޮމިޝަނާއި ހިއްސާކޮށްފައިވާ ސޮނީ އެމްއެސްއެމް އާ އެކު ވެފައިވާ އެއްބަސްވުމަކީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު ދަށުން އެކުލަވާލެވިފައިވާ އެއްބަސްވުމެއް ނޫން ކަމަށެވެ.
މިއަހަރުގެ އޭޕްރީލް 8ގައި އެ ކޮމިޝަނުން އާންމުކުރި އިޢުލާނާ ހަވާލާދީ އެ ކޮމިޝަނުން ލިސްޓެޑް އިވެންޓެއް ކަމަށް ކަނޑައަޅާފައިވާ ފީފާ ވޯލްޑްކަޕް ގެނެސްދިނުމުގައި އަންގާފައިވާ ގޮތަށް މީޑިއާ ނެޓުން އިޖާބަ ދީފައިނުވާ ކަމަށް ވެސް އެ ސީޓީގައި ބުނެފައިވެ. އަދި ބުނެފައި ވަނީ ޗެނަލް 100 އަދި 100 ޕްލަސް ކިޔާ ދެ ޗެނަލެއް މެދުވެރިކޮށް މީޑިއާނެޓުން ވޯލްޑް ކަޕްގެ ބައެއް މެޗްތައް ދެއްކުމަށް ޓަކައި ޚިދުމަތް ލިބިގަންނަ ފަރާތުން ޚާއްސަ އަގެއް ނަގާފައި ވަނީ ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދާ ޚިލާފަށް ކަމަށެވެ.
"8 އޭޕްރީލް 2014 ވަނަ ދުވަހުގެ އިޢުލާނަށް މީޑީއާނެޓުން ވޯލްޑް ކަޕް ދެއްކުމަށް އިޖާބަދީފައި ނުވާތީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 38 ވަނަ މާއްދާގެ ދަށުން ވޯލްޑް ކަޕް ބްރޯޑްކާސްޓްކުރުމުގެ ހައްގު މީޑީއާނެޓުން ދޫކޮށްލާފައިވާކަން ފާހަގަކުރެވެ އެވެ،" ބްރޯޑްކާސްޓިން ކޮމިޝަނުންގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.