ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދުގެ މެރީޑިއަމް ސާވިސް އަށް ތޮޔޮ ދޫކުރުމަށް އޮންނަ ކްރެޑިޓް ލިމިޓް ކުޑަކޮށް، އެ ކުންފުނިން އެސްޓީއޯ އަށް ފައިސާ ދައްކަންޖެހޭ މުއްދަތު ކުޑަކުރީ އެއްބަސްވުމާ ހިލާފަށް ނޫން ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފި އެވެ.

އެ އެއްބަސްވުމަށް ބަދަލުތަކެއް ގެނައި ކަމަށް ބުނެ، މެރީޑިއަމް އިން ސިވިލް ކޯޓަށް ދިއުމުން، 2011 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ސިވިލް ކޯޓުންވެސް ހުކުމް ކޮށްފައިވަނީ، އެސްޓީއޯ އިން އެއްބަސްވުމާއި ހިލާފަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ.

ނަމަވެސް ސިވިލް ކޯޓުން ނިންމި ނިންމުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ހިލާފަށް ކުރި ހުކުމެއް ކަމަށް ބުނެ، މެރީޑިއަމް އިން ވަނީ އެ މައްސަލަ ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅާފަ އެވެ.

މެރީޑިއަމް ސާވިސް އާއި އެސްޓީއޯ އާ ދެމެދު ތެޔޮ ދޫކުރުމަށް ފުރަތަމަ އެއްބަސްވީ، ކްރެޑިޓް ލިމިޓް 20 މިލިއަން ރުފިޔާގެ ތެޔޮ ދޫކުރުމަށާއި، ކްރެޑިޓް ބިލްތަކަށް ފައިސާ އަނބުރާ ދައްކަން ޖެހޭނީ 40 ދުވަހުގެ ތެރޭގައި ކަމަށެވެ.

ނަމަވެސް އެ އެއްބަސްވުމަށް ބަދަލުގެނެސް، ކްރެޑިޓް ލިމިޓް 20 މިލިއަން ރުފިޔާ އިން 10 މިލިއަނަށް ދަށްކޮށް، ކްރެޑިޓް ބިލްތަކަށް ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތު 40 ދުވަހުން، 30 ދުވަހަށް ވަނީ އެސްޓީއޯއިން 2011 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ކުޑަކޮށްފަ އެވެ.

ސިވިލް ކޯޓުން ހުކުމުގެ އިސްތިއުނާފު ޝަރީއަތް ހައި ކޯޓުގައި ކުރިއަށް ގެންދެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއިބް ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

އެބޭފުޅުން ޝަރީއަތް ހިންގުމަށްފަހު ކުރެއްވި ހުކުމްގައި ބުނެފައި ވަނީ، އެއްބަސްވުމުގައިވާ ގޮތުން އެސްޓީއޯގެ ވިޔަފާރި އަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ މެނޭޖުމަންޓް ޕޮލިސީއަކަށް އަންނަ ބަދަލަކުން ވިޔަފާރި ބަދަލު ކުރަން ޖެހިއްޖެ ހިނދެއްގައި އެއް މަސް ދުވަހުގެ ނޯޓިސްއަކަށް ފަހު، އެސްޓީއޯ އަށް ގެންނަން ފެންނަ ބަދަލެއް ގެނެވިދާނެ ކަމަށެވެ.

ވިޔަފާރި ބަދަލު ކުރުމުގައި ކްރެޑިޓް މިންވަރަށް ބަދަލު ގެނައުމާއި ކްރެޑިޓް ބިލްތަކަށް ފައިސާ ދެއްކުމުގެ މުއްދަތައް ބަދަލު ގެނައުން ހިމެނޭ ކަމަށް ދެ ފަރާތުގެ ބަހުން އެނގެން އެބަ އޮތް ކަމަށް ހުކުމުގައިވެ އެވެ.

"މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑާއި އެސްޓީއޯ އާއި ދެމެދު، އެސްޓީއޯ އިން މެރީޑިއަމަށް ކްރެޑިޓް މުދާ ދޫކުރުމާ ބެހޭ ގޮތުން 31 މާރޗް 2010 ގައި ސޮއިކުރެވިފައިވާ އެއްބަސްވުމަށް އެސްޓީއޯގެ ފަރާތުން ބަދަލު ގެނެސްފައިވަނީ އެ އެއްބަސްވުމުގައި ބަޔާންކުރެވިފައިވާ އުސޫލާ ހިލާފަށް ކަމަށް ބެލެވެން ނެތަތީ، ސިވިލް ކޯޓުގެ ގަޟިއްޔާގައި ކުރައްވާފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުއީ ނުވަތަ ގާނޫނީ ސަބަބައް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައި ހުކުމްކޮށްފީމެވެ.،" ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވެ އެވެ.