މާލޭ ހުޅަނގު ދެކުނު ސަރަހައްދު، ތިން ރުއް ޕާކާ ދިމާލު ބޭރު މޫދުގައި މަރުވެފައި އޮއްވައި ފެނުނު މީހާއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ. އޭނާއަކީ ޏ. ފުވައްމުލަކު، މާދަނޑު، މާދަނޑިގޭ އަޒްމީ ލަތީފު، 36 އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މީހާއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާއާ ބެހޭ އިތުރު މައުލޫމާތު މީޑިއާއަށް ހިއްސާކުރަން އާއިލާއިން ދެކޮޅު ހަދާތީ އެ މީހާގެ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.

މަރުވެފައި އޮތް އެމީހާ އޮޔާ ދަނިކޮށް މާލޭގެ ހުޅަނގު ދެކުނު ފަރާތު މޫދުން ފެނުނީ މިއަދު މެންދުރު އެވެ.

ފުލުހުންނާއި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެ މީހާގެ ހަށިގަނޑު މޫދުން ނެގީ ގަޑިއެއްހާއިރުގެ މަސައްކަތުންނެވެ. އޭނާގެ ހަށިގަނޑު ނެގިގޮތަށް ގެންގޮސްފައި ވަނީ އާސަހަރާއަށެވެ.

ތިން ރުއް ޕާކާ ދިމާލު މޫދުން ފެންމަތީގައި ބަންޑުން ޖެހިފައި އޮއްވާ މިއަދު ފެނުނު މީހާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވައި އެމީހާ މޫދުން ފެނިފައިވާއިރު، މީހަކު ގެއްލިގެން އެއްވެސް ފަރާތަކުން ފުލުހުންނަށް ރިޕޯޓުކޮށްފައިނުވާ ކަމަށެވެ.