މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު މާރާމާރީގެ މައްސަލަތައް ނުވަ ޕަސެންޓަށް ދަށްވެ، ފޭރުމުގެ މައްސަލަތައް ނުވަ ޕަސެންޓަށް އިތުރުވެއްޖެ އެވެ.

ފުލުހުން އާއްމުކޮށްފައިވާ މިދިޔަ އަހަރާއި މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުން ދައްކާގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހާ އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހުށަހެޅިފައިވާ ކުށުގެ މައްސަލަތައް ވަނީ ހަ ޕަސެންޓް ދަށްވެފަ އެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 7746 މައްސަލައެއް ހުށަހަޅާފައިވެ އެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ފުލުހުންނަށް ހުށަހަޅާފައި ވަނީ 7292 މައްސަލަ އެކެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު، 454 މައްސަލަ ދަށް އަދަދެކެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު މާރާމާރީގެ މައްސަލައިގެ ގޮތުގައި ފުލުހުންނަށް ހުށަހެޅިފައި ވަނީ 659 މައްސަލަ އެކެވެ. ނަމަވެސް މިއަހަރު ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެ އަދަދު ވަނީ 602 ދަށްވެފަ އެވެ.

ފޭރުމުގެ މައްސަލަތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 303 މައްސަލައެއް ހުށަހެޅިފައިވާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެ އަދަދު ވަނީ 334 އިތުރުވެފަ އެވެ.

ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައިވާ، ވައްކަމުގެ މައްސަލަތައް ވެސް މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ވަނީ، ހަތް ޕަސެންޓް ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 3117 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. އަދި މިއަހަރުގެ ހަ މަސް ދުވަހުގެ ހުށަހަޅާފައިވަނީ 2893 މައްސަލައެކެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 1974 މައްސަލައެއްވަނީ ހުށަހަޅާފައިވާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހުށަހަޅާފައި ވަނީ 1929 މައްސަލައެކެވެ. އެއީ މިދިޔަ އަހަރާއި އަޅާބަލާއިރު، ދެ ޕަސެންޓް ދަށް އަދަދެކެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޓްރެފިކް މައްސަލަތަކުގެ ގޮތުގައި 1188 މައްސަލައެއް ހުށަހެޅިފައިވެ އެވެ. މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހުށަހެޅިފައި ވަނީ 1156 މައްސަލައެކެވެ. އެއީ މިދިޔަ އަަހަރާއި އަޅާބަލާއިރު، ތިން ޕަސެންޓް ދަށް އަދަދެކެވެ.