07 Jul 2014, 15:17
ކުޑަ ކުއްޖަކަށް އަނިޔާ ކުރި ކަމުގެ ތުހުމަތުގައި ގއ. ދެއްވަދޫ މީހަކު ހައްޔަރުކޮށްފި އެވެ.
ދެއްވަދޫ ކައުންސިލްގެ ނައިބު ރައީސް ހުސެއިން އިބްރާހިމް މިއަދު ސަން އަށް ވިދާޅުވީ އެ މީހާ 13 އަހަރުގެ ކުއްޖާ އަށް އަނިޔާ ކުރީ އޭނާގެ ދަރިފުޅުގޮސް 13 އަހަރުގެ ކުއްޖާ އޭނާގެ ދަރިފުޅުގެ ގަޔަށް ކުޅުޖެހި ކަމަށް ބުނުމުން އެކަމާ ރުޅިއައިސްގެން ކަމަށެވެ. ކައުންސިލަރު ވިދާޅުވީ އެމީހާ ގޮސް އެ ކުއްޖާގެ ކަނދުރާގައި ހިފައި ބިންމައްޗަށް ވައްޓާލި ކަމަށް އެވަގުތު އެތަނުގައި ތިބި ކުދިން ބުނާ ކަމަށެވެ.
"އެއީ އަތިރިމައްޗާއި ކައިރި ދެ ގޭގެ ދެ ކުދިން. ދެ ކުދިން ވެސް ކުޅުޖަހާ ތަޅާފޮޅައި ހެދި ކަމަށްވޭ. އެތަނުން އެއްކުއްޖަކު ގޮސް އެކުއްޖާގެ ބައްޕަ ކައިރީ ބުނީ. ބުނީމާ އެ މީހާ ގޮސް އަނެއް ކުއްޖާ އަށް އަނިޔާ ކުރީ،" ނައިބު ރައީސް ހުސެއިން އިބްރާހިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަނިޔާ ކުރުމުން އެ ދުވަހު އެކުއްޖާ ހޮސްޕިޓަލަށް ގެންގޮސް މާބޮޑު ކަމެއް ވެފައި ނެތުމުން ގެޔަށް ފޮނުވާލީ ކަމަށެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އެ ކުއްޖާ އަށް ފިޓުޖެހިގެން ހޭނޭރުމުން ތިނަދޫ ހޮސްޕިޓަލަށް ގެންދިޔައީ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ. ކައުންސިލަރު ވިދާޅުވީ އެކުއްޖާ އަށް ތިނަދޫ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ ކުޑަ ކުއްޖަކަށް އަނިޔާ ކުރި ކަމުގެ ތުހުމަތުގައި އުމުރުން 37 އަހަރުގެ މީހަކު ދެއްވަދޫން ހައްޔަރުކޮށްފައިވާ ކަމަށެވެ.