މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން މީހަކު ހޯދި ފައިސާތަަކެއް ދައުލަތަށް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ގއ. ކޮނޑޭ، ގަހާކޯޅި، އަހުމަދު އަނީލް މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި 64،985ރ. އާއި 61 ޑޮލަރު ދައުލަތަށް ނެގުމަށް ހުކުމް ކޮށްފައި ވަނީ އޭނާގެ މައްޗަށް ދައުލަތުން ކުރި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.

އެ ފައިސާ ދައުލަތަށް ނެގުމުގެ އިތުރުން އޭނާ އުމުރަށް ޖަލަށްލުމާއެކު 100،000ރ. އިން ޖޫރިމަނާކޮށް އެ ފައިސާ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އޭނާއަށް ވަނީ އަންގައިފަ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުން އަނީލް މިއަދު ކޯޓަށް ހާޒިރުކުރަނީ -- ސަން ފޮޓޯ


ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ އޭނާގެ ސައިކަލާއި ވަޒީފާއަދާކުރަމުން ދިޔަ މާލޭގައި ހުންނަ އެސްޓީއޯގެ ގުދަނެއްގެ ތެރެ އާއި އޭނާ މާލޭގައި ދިރިއުޅޭގެ ބަލައިފާސްކުރި އިރު 282 ގްރާމްގެ ޑައިމޯފިން ފެނިފައިވާ ކަމަށެވެ.

އެ ހުކުމްގައި ބުނެފައިވާ ގޮތުން އެސްޓީއޯގެ ގުދަން ކައިރީގައި ހުރެ މީހެއްގެ އަތަށް އޭނާ އެއްޗެއް ދިންތައް ފެނިގެން އެ ދެ މީހުން ހައްޔަރުކޮށް އަނީލްގެ ހާޒިރުގައި އެސްޓީއޯގެ ގުދަން ބަލައި ފާސްކުރުމުން ގުދަނުން މަސްތުވާތަކެތި ފެނުނު ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ އެޕާޓްމަންޓަށް ގޮސް އަނީލް އާއި އޭނާގެ އަންހެނުންގެ ހާޒިރުގައި އެ ކޮޓަރިތެރެ ބަލައި ފާސްކުރި އިރު މަސްތުވާތަކެއްޗާއި ފައިސާތައް ފެނިފައިވާ ކަމަށް ވެސް ހުކުމްގައިވެ އެވެ.
އަނީލް ފުލުހުންގެ ވެހިކަލްގެ ތެރޭގައި -- ސަން ފޮޓޯ


ފުލުހުން ހޯދި މަސްތުވާތަކެއްޗަކީ އަނީލްގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ހުރި ތަކެތި ކަމަށް ބުނެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ އަށް އޭނާ އިއުތިރާފުވެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ އަންހެނުންގެ މައްޗަށް ވެސް ދައުވާ ކުރި އެވެ. ނަމަވެސް އެ ދައުވާ އޭނާގެ މައްޗަށް ސާބިތުކުރެވޭވަރުގެ ހެކި ލިބިފައި ނުވާތީ އެ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފަ އެވެ.
ފުލުހުންގެ ބެލުމުގެ ދަށުން އަނީލް މިއަދު ކޯޓަށް ހާޒިރުކުރަނީ -- ސަން ފޮޓޯ