07 Jul 2014, 14:57
ޕާޓީތައް ބޭއްވުމަށާއި އެހިނިހެން ބޭނުންތަކަށް ގިނަ ބަޔަކު ބޭނުންކުރާ ދަރުބާރުގޭގެ ބައެއް މާލަންތައް އާންމު ބޭނުންތަކަށް ދޫނުކުރަން ހައުސިން މިނިސްޓްރީ އިން ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީ އިން އާންމުކޮށްފައިވާ "ދަރުބާރުގެއިން ދެވޭ ހިދުމަތްތަކާ ބެހޭ އުސޫލް"ގައި ބުނެފައިވާ ގޮތުން ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމާއި ހިރިޔާ މާލަމްގެ އިތުރުން ހަކުރާ މާލަން ދޫކުރުމަށް ނިންމާފައި ވަނީ ގައުމީ ހަފްލާތަކާއި ސިޔާސި ޕާޓިތަކާއި ކުންފުނިތަކުން ބާއްވާ ބޮޑެތި ހަފްލާތަކަށެވެ. އަދި އެ މާލަންތަކުގައި ކައިބުއިމުގެ ކަންތައްތައް ބޭއްވުން ވަނީ މަނާ ކޮށްފަ އެވެ.
އާންމު ބޭނުންތަކަށް ދޫކުރަން ނިންމާފައި ވަނީ ދޮށިމޭނާ މާލަމާއި ފާށަނާ މާލަމްގެ އިތުރުން ބިއްލޫރި މާލަމާއި އެކިއެކި ކޮޓަރިތަކެވެ.
އެ އުސޫލް ބުނާ ގޮތުން އެކި މާލަންތައް ދޫކުރަނީ އެކި އަގުތަކަށެވެ. އެ އަގުތައް ބޮޑުވުމާއި ކުޑަވުން ހަމަޖެހިފައި ވަނީ އެމާލަމެއް ކުއްޔަށް ނަގާ ގަޑިއަކަށެވެ. ގަޑިތައް ދޫކޮށްފައި ވަނީ އަށް ގަޑިއިރާއި 12 ގަޑިއިރުގެ އިތުރުން 24 ގަޑިއިރަށެވެ. އަދި ވިޔަފާރި ބޭނުމަކަށް ނަގާ ނަމަ އަގު ބޮޑުވެ އެވެ.
އެގޮތުން ރަންނަބަނޑޭރިމާލަން އަށް ގަޑިއިރަށް ދޫކުރާނީ 6500 ރުފިޔާ އަށެވެ. އަދި އެމާލަން ބާރަ ގަޑިއިރަށް 7800 ރުފިޔާ އަށް ދޫކުރާ އިރު، 24 ގަޑިއިރަށް އެތަން ދޫކުރަނީ 9750 ރުފިޔާ އަށެވެ. ވިޔަފާރި ކުރާ ނަމަ އެމާލަން ދޫކުރަނީ 11375 ރުފިޔާ އަށެވެ.
ދަރުބާރުގެ އިން ދޫކުރާ ބައެއް ފަރުނީޗަރާއި އެތަކެތީގެ އަގުތައް ވެސް އެ އުސޫލްގައި ހިމަނާފައިވެ އެވެ.
އެ އުސޫލްގައި ބުނެފައިވާ ގޮތުގައި ދަރުބާރުގޭގައި ބާއްވާ އެކި ހަފުލާތަކާ ގުޅިގެން ޒީނަތްތެރިކުރެވެނީ އެ ފަރާތަކުން ކުއްޔަށް ހިފާފައިވާ މާލަމެއް އެކަންޏެވެ.