10 Jan 2011, 07:42
އައްޑޫ ސިޓީ ކައުންސިލް ހެދުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެން ނުވާ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ރައީސް ނަޝީދު ފާޑު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ޓިކެޓްގައި މާފަންނު ދެކުނު ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓް މުހައްމަދު އައިމަން އިސްމާއިލްގެ ކެންޕޭން ޖަހަގަ ހުޅުއްވައިދެއްވުމަށްފަހު ރޭ މާފަންނުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވީ އައްޑުއަށް ސިޓީގެ ދަރަޖަ ދެވޭ މަގައިގަނޑު ޝަރުތެއްގެ ކަމުގައިވާ 25،000 މީހުންގެ އާބާދީއެއް އައްޑޫގައި އެކުލެވިގެންވާ އިރު، ސަރުކާރުން ނިނާމާފައިވަނީ މުޅި އައްޑު އަތޮޅަކީ އެއް ރަށް ކަމަށާއި އަދި އެއީ ސިޓީއެއް ކަމަށެވެ.
~
ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ސިޓީއެއްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެން ނުވާ ކަމަށް ބުނެ، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ފަރާތްތަކުން ބުނި ބުނުމާއި އެ މަނިކުފާނުގެ ހިޔާލު، ތަފާތު ކަމަށެވެ. އެ ގޮތުން އައްޑޫއަކީ ސީޓީއެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ލޯކަލް ގަވަމަންޓް އޮތޯރިޓީން ޝަރުތުތައް ކަނޑައަޅާފައިނުވާ ކަމަށް ބުނާއިރު، މިއަދު އެ އޮތޯރިޓީގައި ހުންނެވީ ހަމައެކަނި ހޯމް މިނިސްޓަރު ހަސަން އަފީފު ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ހަމައެކަނި އަފީފު ނިންމާ ނިންމުމަކީ "ހަމަޖެހޭ" ކަމަށް ނުވާތީ އެ އޮތޯރިޓީން ގޮތެއް ނުނިންމަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ކޯޓްގައި މައްސަލަ ޖެއްސެވި ބޭފުޅުން މައްސަލަ ޖައްސަވާފައިވަނީ އެ އޮތޯރިޓީން ކަނޑައަޅާފައެއް ނެތޭ، އައްޑު އަތޮޅު އެއީ ސީޓީއެއްގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ވަސީލަތްތައް ހުރި ރަށެއްތޯ؟ ނުވަތަ ނެތް ރަށެއްތޯ؟ އަޅުގަނޑު އެވާހަކަ ނުދެއްކި ސަބަބަކީ އެ އޮތޯރިޓީގައި މިހާރު ހަމައެކަނި ހުންނެވި ބޭފުޅަކީ އަފީފު އެކަނި،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އައްޑޫއަކީ ސީޓީގެ ދަރަޖަދެވޭ އަތޮޅެއްކަން ބަޔާން ކުރާ ޝަރުތުތައް ކަނޑައަޅާ ދިނުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީގައި މިހާރު ހުންނެވި ހަސަން އަފީފުގެ އަރިހުގައި މާދަމާ އެދިލައްވާނެ ކަމަށާއި އޭރުން ހުކުމާ އެއްގޮތަށް ސަރުކާރަށް އަމަލު ކުރެވުނީ ކަމަށެވެ.
ސިވިލް ކޯޓްގެ ހުކުމަށް މިސާލު ޖައްސަވަމުން "ރަގަނޅު ހުކުމެއް އެއޮތީ ކިޔާފަ. އެއީ އަޅުގަނޑުމެންގެ އަތުގައި އޮތް ރަނގައެއް. އެހެންވީމާ އެ ރަނގައިން އަޅުގަނޑުންނަށް އަތް ބައި ނެގޭނެ." ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރުމުން ސަރުކާރުން ބޭނުންވާ ގޮތަށް އައްޑުއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ "އަޅުގަނޑުމެން ކުރަން ނިންމާ އެއްވެސް ކަމެއް ނުކޮށް ހުއްޓައެއް ނުލާނަން. އަޅުގަނޑުމެންގެ ގަޔަކު ވިންދެން ނުޖަހާނެ، އަދި ލެޔެއް ނުހިގާނެ އެމްޑީޕީގެ މެނިފެސްޓޯ އަޅުގަނޑުމެންނަށް ތަންފީޒު ނުކުރެވޭހާ ހިނދަކު،"