07 Jul 2014, 14:21
ތަފާތު އެކި ޖިނާއީ މައްސަލަތަކުގައި 24 އަހަރުގެ ޖަލު ހުކުމެއް ކޮށްފައި ހުރި މީހަކު ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، މާރާމާރީ ހިންގައިގެން އައްޑޫ ސިޓީން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ހުޅުމީދޫން އިއްޔެ ހަވީރު 5:45 ހާއިރު ހައްޔަރުކޮށްފައި ވަނީ އުމުރުން 36 އަހަރުގެ މީހަކެވެ. އޭނާޔާއެކު 22 އަހަރުގެ މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ވެސް ހައްޔަރު ކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިގެންނެވެ.
ޖަލަށް ހުކުމްކޮށްފައި ހުއްޓައި މުޖުތުމައުއަށް ދޫވެފައި ހުރި މީހާ ވަނީ އައްޑޫގައި ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ފުލުހަކާ މާރާމާރީ ހިންގާފަ އެވެ. އެ މީހާއަކީ މަސްތުވާތަކެތީގެ ހަތަރު މައްސަލައެއްގެ އިތުރުން ވައްކަމުގެ މައްސަލައެއްގައި ކުށް ސާބިތުވެ 24 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކޮށްފައިވާ މީހެކެވެ.
ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން 22 އަހަރުގެ މިހާ ހައްޔަރުކުރީ މަސްތުވާތަކެތި ހިފައިގެން ފިލަންދުވިކަމުގެ ތުހުމަތުގަ އެވެ. ހައްޔަރު ކުރި މީހަކީ މާރާމާރީގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކުގެ އިތުރުން ތޫނު ހަތިޔާރު ބޭނުންކޮށްގެން ފޭރުމުގެ މައްސަލަތަކުގެ ކުށުގެ ރިކޯޑް އޮއްނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.