07 Jul 2014, 14:12
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުރިހާ ދިވެހި ކަސްޓަމަރުންނަށް ވިސާ ޑެބިޓް ކާޑު ދޫކުރަން ނިންމައި އެ ފުރުސަތު ހުޅުވާލި ފުރަތަމަ ދުވަހުގެ ތެރޭގައި 59 ކާޑް ހެއްދުމަށް އެޕްލިކޭޝަން ހުށައަޅާފައިވާ ކަމަށް ބޭންކުން ބުނެފި އެވެ.
ބީއެމްއެލްގެ މީޑިއާ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ ބޭންކުން ދިވެހި ހުރިހާ ކަސްޓަމަރުންނަށް ވިސާ ޑެބިޓް ކާޑް ހައްދައިދޭން ފެށުމުން ގިނަ ބަޔަކު އެޕްލިކޭޝަން ފޯމް ހުށައަޅަމުން އަންނަ ކަމަށެވެ. އެގޮތުން އިއްޔެ އެކަނި ވެސް 59 ވިސާ ޑޭބިޓް ކާޑް އަލަށް ހެއްދުމަށް އެޕުލިކޭޝަން ހުށައަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
"ވަރަށް ކިޔޫތައް ދިގު ކާޑް ހެއްދުމަށް އެދޭ، އިއްޔެ މަޖީދީމަގުގެ ބުރާންޗަށް 35 އެޕްލިކޭޝަން އަދި މެއިން ބުރާންޗަށް 24 އެޕްލިކޭޝަން ހުށައަޅާފައިވޭ،" ބީއެމްއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކްގެ ހުރިހާ ދިވެހި ކަސްޓަމަރުންނަށް ވިސާ ޑެބިޓް ކާޑު ދޫކުރާ އިރު ރާއްޖެ އިން ބޭރުގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް ޚާއްސަ އިސްކަމެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ވިސާ ޑެބިޓް ކާޑު ބޭނުންކޮށްގެން ބީއެމްއެލްގެ އޭޓީއެމްތަކުން ދުވާލަކު 10،000 ރުފިޔާ ނެގޭ އިރު ބޭރުގެ އޭޓީއެމްތަކުން 200 ޑޮލަރަށްވާ ފައިސާ ނެގޭނެ އެވެ. އަދި ބޭރުގެ ޕީއޯއެސް މެދުވެރިކޮށް ދުވާލަކު 400 ޑޮލަރުގެ ޓްރާންސެކްޝަން ހެދޭނެ އެވެ.