07 Jul 2014, 14:01
އައްޑޫ ސިޓީ ހިތަދޫގެ ހިމާޔަތްކޮށްފައިވާ އީދިގަލިކިޅި ސަރަހައްދުގެ ބޭނުންކޮށްގެން އިގްތިސޯދީ ފައިދާ ހޯދުމުގެ މަސައްކަތް ތަރައްގީ ކުރުމަށް ކުރަން ޖެހޭ އުމްރާނީ މަސައްކަތްތައް ކުރުމަށް ޓަކައި ސަދަން މޯލްޑިވްސް ކޮންޓްރެކްޓިން އެންޑް ޓްރޭޑިން ކޮމްޕެނީ އާ މިއަދު ހަވާލުކޮށްފި އެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. ސަދަން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހައިރު އެވެ.
ސޮއިކުރެއްވުމަށް ފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ، އެ މަސައްކަތް ސަދަން މޯލްޑިވްސްއާ ހަވާލުކޮށްފައި ވަނީ އެ ސަރަހައްދުގައި އިކޯޓޫރިޒަމް ތައާރަފްކޮށް ތަރައްގީ ކުރުމަށް ކަމަށާއި އެގޮތުން ސަދަން މޯލްޑިވްސް އާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި އެ ސަރަހައްދުގައި ޖަމާވެފައިވާ ކުނިތައް ނެގުން ހިމެނޭ ކަމަށެވެ. އޭގެ އިތުރުން އެ ސަރަހައްދުގެ ވަށައިގެން 630 މީޓަރު ފެންސު ޖެހުމާއި އެ ސަރަހައްދު ބަލަހައްޓާނެ ސެކިއުރިޓީ ތިބޭނެ ހަޓުތައް ހެދުމާއި ދެ ބާޑް އޮބްޒާވޭޓަރީ ހެދުމާއި ބޯޑްވޯކް ހަދައި ޕިކްނިކް ސަރަހައްދެއް ގާއިމްކުރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ސަރަހައްދު ދެމެހެއްޓެނިވި ގޮތުގައި ބެލެހެއްޓުމުގެ މަސައްކަތަކީ ޔޫރަޕިއަން ޔޫނިއަންގެ ހިލޭއެހީގައި އުފައްދާފައިވާ ކުލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑުން އެކުލަވާލާފައިވާ ވެޓްލޭންޑް ކޮންޒަވޭޝަން ޕްރޮޖްކްޓގެ ދަށުން ކުރެވޭ މަސައްކަތެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.
އެ ޕްރޮޖެކްޓްގެ ފުރަތަމަ މަރުހަލާގައި އީދިގަލިކިޅި އަށް ހާއްސަކޮށްގެން ކޮންޒަވޭޝަން ޕްލޭނަކާއި އިގްތިސޯދީ ފައިދާ ހޯދޭނެ އުންރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ބޭނުންވާ ޑިޒައިން ތައްޔާރުކޮށް އައްޑޫ ސިޓީ ކައުންސިލާ ހަވާލުކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އެ ޕްރޮޖެކްޓަކީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 30ގެ ނިޔަލަށް ނިންމަންޖެހޭ ގޮތަށް 7.2 މިލިއަން ރުފިޔާ އަށް ހަވާލުކުރި ޕްރޮޖެކްޓެކެވެ.