07 Jul 2014, 13:24
ދެކުނުގެ ހަތަރު އަތޮޅެއްގައި ހައުސިން ޔުނިޓް އެޅުމަށް ޗައިނާގެ އެގްޒިމް ބޭންކުން ނެގުމަށް ރައްޔިތުން މަޖިލީހުން ހުއްދަދީފައި އޮތް ލޯނަށް ބަދަލު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުށަހަޅުއްވާފައިވާ ގޮތައް ބަދަލު ގެނައުމަށް މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފައި ވަނީ ނިމިގެން ދިޔަ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވެސް ފާސްކޮށްފައިވާ ގޮތަށް ލޯނަށް ބަދަލު ގެނައުމަށް ކޮމެޓީގެ އިއުތިރާޒެއް ނެތް ކަމަށް ނިންމައި މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމަށް ފާސްކޮށްފައިވާ ރިޕޯޓް އަލުން މަޖިލީހަށް ފޮނުވުމަށެވެ. އޭގެ އިތުުރުން މާލިއްޔަތު ކޮމެޓީން މިހާރު އިތުރަށް ހޯދާފައިވާ ލިޔުންތައް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.
ކޮމެޓީން އެގޮތަށް ފާސްކޮށްފައި ވަނީ ޕީޕީއެމްގެ ފަސް މެމްބަރުންނާއި އެމްޑީއޭގެ މެމްބަރަކު ވޯޓު ދެއްވައިގެންނެވެ. އަދި އެކޮމެޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ތިން މެމްބަރަކާއި ޖުމްހޫރީ ޕާޓީގެ މެމްބަރު އެެގޮތަށް ފާސްކުރުމަށް ވޯޓު ދެއްވާފައެއް ނުވެ އެވެ.
މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި އެމްޑީޕީން ވަނީ ލޯނަށް ބަދަލު ގެނައުމަށް ނިންމާފައިވާ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ފިނޭސް މިނިސްޓަރު އަބްދުﷲ ޖިހާދު ކޮމެޓީ އަށް ހާޒިރުކުރުމަށް ހުށަހަޅުއްވައިފ އެވެ. ނަމަވެސް ކޮމެޓީން އެެ މައްސަލަ އިތުރަށް ދިރާސާ ނުކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްކުރުމުން އެމްޑީޕިގެ ހުށަހެޅުމަށް ވޯޓަށް އަހާފައެއްނުވެ އެވެ.
ޗައިނާގެ އެގްޒިމް ބޭންކުން ނަގާ 982.5 މިލިއަން ޔުއާން ރެންމިންބީ (2.4 ބިލިއަން ރުފިޔާ)ގެ ލޯނުން ދެކުނުގެ ހަތަރު އަތޮޅުގައި އަޅާ 1500 ހައުސިން ޔުނިޓުގެ ތެރެއިން 704 ހައުސިން ޔުނިޓް ހުޅުމާލޭގައި އެޅުމުގެ ހުއްދަ މަޖިލީހުން ދިނުމަށް ހުށަހަޅާފައިވާ މައްސަލަ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ނިމިގެން ދިޔަ ރައްޔިތުން މަޖިލީހަށް މިދިޔަ ޑިސެމްބަރު މަހު ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އޭރު އޮތް މަޖިލީހުން ވަނީ އެ ލޯނަށް ބަދަލު ނުގެނައުމަށް ފާސްކޮށްފަ އެވެ.
ރައީސް ނަޝީދު ސަރުކާރުގެ ފަހުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ ލޯނަށް އެބަދަލު ގެނައުމަށް މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އޭރު ވެސް މަޖިލީހުން ނިންމާފައި ވަނީ ކުރީގެ ރައީސް ހުށަހަޅުއްވާފައިވާ ގޮތަށް ލޯން ނެގުމަށް ހުއްދަ ދިނުމަށެވެ.
ރައްޔިތުންގެ މަޖިލީހަށް ރައީސް ޔާމީން ފޮނުއްވާފައިވާ ސިޓީފުޅުގައި ވިދާޅު ވަނީ ލޯނުތަކާ ގުޅިގެން ނިންމަން ޖެހޭ ކަންތައްތައް ނިންމުމުގެ ބާރު އޮންނަން ޖެހޭނީ ސަރުކާރަށް ކަމަށާއި އެހެން ގޮތަކަށް އެކަން އޮވެއްޖެ ނަމަ، ތަރައްގީގެ އަމާޒުތައް ހާސިލް ނުކުރެވޭނެ ކަމަށެވެ. އަދި ސަރުކާރުން ހެދި އެސެސްމަންޓުތަކަށް ފަހު ހައުސިން "ނީޑްސްތައް" އެންމެ ބޮޑަށް ބޭނުންވެފައި ވަނީ ހުޅުމާލެ އަށް ކަމަށާއި ދެކުނުގައި އަޅަން ނިންމާފައިވާ 1500 ހައުސިން ޔުނިޓްތަކުގެ ތެރެއިން 704 ހައުސިން ޔުނިޓް ހުޅުމާލޭގައި އެޅުމުގެ ހުއްދަ ދިނުމަށް އެދޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް ރައީސް ޔާމީން ފޮނުއްވާފައިވާ ސިޓީފުޅުގައި ވިދާޅުވަނީ ލޯނުތަކާ ގުޅިގެން ނިންމަން ޖެހޭ ކަންތައްތައް ނިންމުމުގެ ބާރު އޮންނަން ޖެހޭނީ ސަރުކާރަށް ކަމަށާއި އެހެން ގޮތަކަށް އެކަން އޮވެއްޖެ ނަމަ، ތަރައްގީގެ އަމާޒުތައް ހާސިލް ނުކުރެވޭނެ ކަމަށެވެ. އަދި ސަރުކާރުން ހެދި އެސެސްމަންޓުތަކަށް ފަހު ހައުސިން "ނީޑްސްތައް" އެންމެ ބޮޑަށް ބޭނުންވެފައި ވަނީ ހުޅުމާލެ އަށް ކަމަށާއި ދެކުނުގައި އަޅަން ނިންމާފައިވާ 1500 ހައުސިން ޔުނިޓްތަކުގެ ތެރެއިން 704 ހައުސިން ޔުނިޓް ހުޅުމާލޭގައި އެޅުމުގެ ހުއްދަ ދިނުމަށް އެދޭ ކަމަށެވެ.