ކުއާލަލަންޕޫރު (ޖުލައި 7): ގެއްލިފައިވާ މެލޭޝިޔާގެ މަތިންދާބޯޓު ހޯދުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން އިންޑިޔާ ކަނޑުގެ ދެކުނުގެ ސަރަހައްދުގެ ކަނޑުއަޑީގައި އަތްފުނާ އެޅުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ތައްޔާރުވަމުންދާ ކަމަށް މެލޭޝިޔާ ސަރުކާރުން ބުނެފި އެވެ.

މެލޭޝިޔާގެ ދިފާއީ ވަޒީރު ހިޝާމުއްދީން ޙުސައިން އިއްޔެ ވިދާޅުވީމީގެ ހަތަރުމަސްކުރިން ގެއްލިފައިވާ އެގައުމުގެ ގައުމީ އެއަރލައިންސްގެ އެމްއެޗް 370 ފްލައިޓް ވެއްޓުނު ކަމަށް އެންމެ ބޮޑަށް ބެލެވެނީ އިންޑިޔާ ކަނޑުގެ ދެކުނުގެ ސަރަހައްދަކަށް ކަމަށާ އެބޯޓުގެ ބައިތައް ފެނޭތޯ އިންޑިޔާ ކަނޑުގެ ދެކުނުގެ ސަރަހައްދުތަކުގެ ކަނޑުއަޑީގައި އަތްފުނާ އަޅައި ބެލުމަށް ބޭނުންވާ ސާމާނާއި ޓެކްނޮލޮޖީގެ ވަސީލަތްތައް އެސަރަހައްދަށް ފޮނުވުމަށް ތައްޔާރުވަމުންދާ ކަމުގަ އެވެ. ހިޝާމުއްދީން ވިދާޅުވީ އެތައް ކިލޯ މީޓަރެއްގެ ފުނުގައިވާ ކަނޑުގެ އަޑީގެ ސަރަހައްދުތަކުގައި އަތްފުނާ އަޅައިގެން ބެލުމުގެ ގާބިލްކަން ލިބިފައިވާ ރޮބަޓް ބާވަތުގެ ޑިވައިސްއެއްގެ އެހީގައި އެތަންތަން ބަލާނެ ކަމަށާއި އެ މެޝިން ހަރުކޮށްފައިވާ މެލޭޝިޔާ ކަނޑުގެ ސިފައިންގެ މަނަވަރެއް ވަރަށް އަވަހަށް އެސަރަހައްދަށް ފޮނުވާނެ ކަމުގަ އެވެ.

"އެއީ އިންޑިޔާ ކަނޑުގެ އެންމެ ފުން ސަރަހައްދުތަކުގެ ބިންގަނޑު ވެސް ބަލައި ސާވޭ ކުރުމުގެ ގާބިލްކަން ލިބިފައިވާ ވަރަށް ފެންވަރުމަތީ ޓެކްނޮލޮޖީގެ ވަސީލަތެއް" ކަމަށާ އެ މެޝިން އީޖާދު ކުރުމުގައި މިބާވަތުގެ ޓެކްނޮލޮޖީގައި ކުރިއަރާފައިވާ އެތަށް ކުންފުންޏެއް ބައިވެރިވެފައިވާ ކަމަށްވެސް މެލޭޝިޔާގެ ދިފާއީ ވަޒީރު ވިދާޅުވި އެވެ.

މެލޭޝިޔާގެ ގައުމީ އެއަރލައިންސްގެ އެމްއެޗް 370 ނަންބަރު ފްލައިޓް ގެއްލިފައި ވަނީ 239 ފަސިންޖަރުންނާ އެކު ކުއާލަލަންޕޫރުން ފުރައިގެން ޗައިނާގެ ބެއިޖިން އަށް ދަތުރުކުރަނިކޮށް މީގެ ހަތަރު މަސްކުރިންނެވެ. އެފްލައިޓް ހޯދުމަށް ތިން މަސް ދުވަސްވަންދެން ހުއްޓުމެއް ނެތި އެތައް ގައުމަކުން މަސައްކަތްކޮށްގެން ވެސް ނަތީޖާއެއް ނެރެވިފައި ނުވާތީ ދާދިފަހުން ވަނީ ވަގުތީ ގޮތުން އެމަސައްކަތް ހުއްޓާލައި އެބޯޓު ވެއްޓުނުތަނަކާ ބެހޭ ދިރާސާތަކެއް މެލޭޝިޔާ އިން ފަށާފަ އެވެ. (ނޫސްއެޖެންސީތައް)