07 Jul 2014, 11:35
ފަލަސްތީނުގެ 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށްވާ މުހައްމަދު އަބޫޚުޟައިރު ވަގަށް ނަގައިގެން ގޮސް ދިރިހުއްޓައި އޭނާ އަންދާލުމުގައި އިސްރާއީލުގެ ސަރުކާރުގެ އަތެއްވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ މުސްތަގިއްލު ގޮތެއްގައި ތަހްގީގް ކުރުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އދ. އަށް ގޮވާލައްވައިފި އެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީމޫންގެ ޚާއްސަ މަންދޫބަކާ ރާމަﷲ ގައި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ އަބޫޚުޟައިރު ޝަހީދުކޮށްލި ޖަރީމާ ހިނގައިދިޔަގޮތާއި އެކަމުގައި ސީދާ ގޮތުންނާއި ނުސީދާގޮތެއްގައި ޝާމިލްވާ ފަރާތްތައް ބެލުމަށް މުސްތަގިއްލު ތަހްގީގް ކޮމިޓީއެއް އުފެއްދުމަށް ބާންކީމޫނަށް އިލްތިމާސް ކުރައްވާ ކަމުގަ އެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ މިފަދަ އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި ޖަރީމާތަކުގެ ފަހަތުގައިވާ ފަރާތްތައް ބައިނަލްއަގްވާމީ އަދާލަތަށް ހާޒިރުކުރެވޭނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މުއާހަދާގައި ފަލަސްތީނު ބައިވެރިވެ އޭގައި ސޮއިކޮށްގެން ކަމަށާއި މިކަން ނުކުރުމަށް އިސްރާއީލުން ފަލަސްތީނަށް ފިއްތުންތައް ކުރުމަތި ކުރަނީ އިސްރާއީލުގެ ވެރިންނާ ދެކޮޅަށް މިފަދަ މައްސަލަތަކުގައި އެ ކޯޓުން އަމުރެއް ނެރެފާނެ ކަމުގެ ބިރަށް ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
މިދިޔަ ހަފްތާގައި އަބޫޚުޟައިރު ވަގަށް ނެގުމަށްފަހު އޭނާ ދިރިހުއްޓައި އަންދާލައިގެން އޭނާ ޝަހީދުކޮށްލި ޖަރީމާ ހިންގި ކަމުގެ ތުހުމަތު ކުރެވިފައިވަނީ ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި އިސްރާއީލުން ވަޒަންވެރި ކުރުވާފައިވާ ޔަހޫދީ ވަޒަންވެރިންގެ ތެރެއިން ތިން މީހެއްގެ މައްޗަށެވެ. މި މައްސަލަ ތަހްގީގް ކުރާނެ ކަމަށް ބުނެ އިސްރާއީލުން ޔަހޫދީ ވަޒަންވެރިންގެ ހަ މީހުން ހައްޔަރުކުރި ނަމަވެސް މިޖަރީމާގެ ފަހަތުގައި އިސްރާއީލުގެ ބައެއް މަސްއޫލުވެރިން ވާކަމަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތުންވަނީ ތުހުމަތުކޮށްފަ އެވެ.
މީގެ އިތުރުން ޔަހޫދީ ވަޒަންވެރިންގެ ތެރޭގައި ހިމެނޭ ހަރުކަށި ޔަހޫދީއަކު އިއްޔެ ވަނީ ލޮރީއެއްގެ ދަށުގައި ޗިސްޗިސް ކޮށްލައިގެން ވެސް ފަލަސްތީނުގެ ދެ މީހަކު ޝަހީދުކޮށްލާފަ އެވެ. އަދި އިސްރާއީލުގެ ވައިގެ ސިފައިން އިއްޔެ އާއި ރޭގެ ހާރުދަމުގެ ވަގުތުތަކުގައި ފަލަސްތީނުގެ ޣައްޒާއަށް ދިން ޙަަމަލާތަކުގައި ފަލަސްތީނުގެ ނުވަ މީހަކު ޝަހީދުވެ އެތަށް ބަޔަކު ވަނީ ޒަޚަމްވެފަ އެވެ. (އަލްޖަޒީރާ)