އެމްޑީޕީ ޕާލިމަންޓުރީ ގްރޫޕުގެ މެންބަރުންތަކެއް އިސްވެތިއްބަވައިގެން ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދުގެ އިސްތިއުފާއަށާއި ގައުމީ ޕާޓީ އުވާލުމަށް ގޮވައި ޑރ. ހަސަން ސައީދު ދިރިއުޅުއްވާ ގެކޮޅުގެ ކުރިމަތީގައި މުޒާހަރާ ކޮށްފި އެވެ.

މިރޭ ގާތްގަނޑަކަށް 9:00 ޖަހާ އެކަންހާއިރުން ފެށިގެން އައްޑުއަތޮޅު ރައްޔިތުންކަމަށް ބުނަމުން ދިޔަ 20 މީހަކު ޑރ. ހަސަން ސައީދު ދިރިއުޅުއްވައި ގެކޮޅު ގ. ޝޭޑީޕާމް ކުރިމަތީގައި އަޑުގަދަކުރާ އާއި ބޯޑުތައް ހިފައިގެން ތިބެ ޝުއޫރުފާޅުކުރަމުން ދިޔައީ އައްޑޫ ރައްޔިތުންނަށް ފައިދާ ކޮށްދިނުމުގެ ނަމުގައި ޕާޓީއެއް ހަދައިގެން ޑރ. ހަސަން ސައީދު އުޅުއްވަނީ ފައިސާ ހޯއްދެވުމުގެ ބޭނުމުގައި ކަމަށާއި ގައުމީ ޕާޓީ ވަގުތުން ވަގުތަށް އުވާލުމަށެވެ. އަދި އައްޑޫ މީހުން ބޭނުންވަނީ އައްޑޫ ސިޓީއެއްކަމަށް ވެސް އެމީހުން ދިޔައީ ގޮވަމުންނެވެ.

ޑރ. ހަސަން ސައީދު ދިރިއުޅުއްވާ ގޭގެ ކައިރީގައި މުޒާހަރާ ފެށުނީ ލޯކަލް ގަވަމަންޓް އޮތޯރިޓީން ޝަރުތުތައް ކަނޑައަޅާފައި ނުވާތީ އައްޑޫ ސިޓީ ކައުންސިލް ހެދުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެން ނުވާ ކަމަށް ސިވިލް ކޯޓުން ނިންމުމުން އެކަމާ ހިތްހަމަނުޖެހިގެނެވެ.

މާލޭގައި ޑތ. ހަސަން އުޅުއްވާ ގޭގެ ކައިރީގައި މުޒާހަރާ ކުރި އިރު އައްޑު އަތޮޅުގައި ވެސް ވަނީ ޑރ. ހަސަން އާއި އޭނާގެ ގައުމީ ޕާޓީގެ ނައިބު ލީޑަރު އިމާދު ސޯލިހާ ދެކޮޅަށް މުޒާހަރާކޮށް އިމާދުގެ ސޫރައެއް ހަދައި އޭގައި ހުޅުޖަހައިފަ އެވެ.

ޑރ. ހަސަން ދިރިއުޅުއްވާ ގޭގެ ކައިރިއަށް މީހުން އެއްވެ ގަޑިއެއްހާއިރު ސުލްހަވެރިކަމާއެކު ޝުއޫރު ފާޅުކުރަމުން ދަނިކޮށް މަންޒަރު ބަދަލުވެގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫދާއިރާގެ މެންބަރު އަލްހާން ފަހުމީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް އެމްޑީޕީގެ އެކްޓިވިސްޓުންތަކަކާއެކު ވަދެވަޑައިގަތް ހިސާބުންނެވެ. އަލްހާން ވަޑައިގަތުމުން މުޒާހަރާގެ ބައިވެރިންގެ ފޯރި ގަދަކޮށް އަޑުވެސް ހަރުކުރި އެވެ. ހަމަ އެ ހިނދުކޮޅުގައި ދެން ފެނިގެން ދިޔައީ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު(ކާނަލް) ވެސް އެ ސަރަހައްދަށް ވަޑައިގަތް މުޒާހަރާގެ ބައިވެރިންނާ ގުޅިވަޑައިގަތް ތަނެވެ.

އެހިސާބުން މުޒާހަރާ ކުރިޔަށް ދިޔައީ އަލްހާން އާއި ކާނަލް އިސްވެ ތިއްބަވައިގެނެވެ. މުޒާހަރާގެ ބައިވެރިންގެ ސަފުތައް ރުކުރުވާލައި މަޖުލީހުގެ ފުރަގަސް ގޯޅިތެރެއަށް ވަދެގަނެ، މަޖިލިސް ކުރާ ގޭގެ ދޮރު ކައިރިއަށް ދާން މަސައްކަތް ކުރުމުން ފުލުހުން އެމީހުން ހިފެހެއްޓި އެވެ. ފުލުހުންނާއި މުޒާހަރާގެ ބައިވެރިން ނާއި ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ވެސް އެތަނުގައި ހިނގި ތަނެވެ.

މުޒާހަރާ ހޫނުވެ ހަމަނުޖެހުމަކަށް ބަދަލުވާ ހިސާބަށް ދިޔުމުން އިތުރު ފުލުހުންނާއި ވެހިކަލްތައް އައިސް އެ ސަރަހައްދައް ވަދެވެން ހުންނަ ހުރިހާ ގޯޅިތަކެއް ބަންދުކޮށް މުޒާހަރާގެ ބައިވެރިން ފަހަތައް ޖެއްސި އެވެ. އެތަނުން ފުލުހުންނަށް ނުކިޔަމަންތެރިކަން ދެއްކި ތިން މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭރުވެސް މުޒާހަރާގެ ބައިވެރިން ގެންދިޔައީ ހަރުއަޑުން ގައުމީ ޕާޓީ އުވާލުމަށް ގޮވަމުންނެވެ.

މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށްފަހު އެ ސަރަހައްދު ދޫކޮށްދިޔުމުގެ އިންޒާރު ފުލުހުން ދިނެވެ. ފުލުހުންގެ އިންޒާރުގެ ދެވަނަ އަޑާއި އެކު އަލްހާން ކުރިއަށް ނިކުމެ ވަޑައިގަތް މިރޭގެ މުޒާހަރާ ނިމުނީކަން އިއުލާން ކުރައްވައި އެނބުރި ދިއުމަށް އަޑުގަދަ ކުރާއިން އެންގި އެވެ. އޭރު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ އިތުރު ދެ މެންބަރުން ކަމުގައިވާ ޝިފާގު މުފީދާއި އިލިޔާސް ލަބީބު ވެސް ވަޑައިގެން ތިއްބެވި އެވެ.

އަލްހާންގެ އެންގުމާއި އެކު އެއްވެފައިވާ މީހުން އެ ސަރަހައްދު ދުކޮށް ދާންފެށި ވަގުތު ހޯމް މިނިސްޓަރު ހަސަން އަފީފު ވަޑައިގަތް މުޒާހަރާގެ ބައިވެރިންގެ ޝަކުވާތައް އަޑުއެއްސެވި އެވެ. އޭގެ މިނެޓެއްހާއިރު ފަހުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޝްވާން ވެސް އެ ސަރަހައްދައް ވަޑައިގަތް ފުލުހުން އަނިޔާ ކުރިކަމަށް ބުނާ ބައެއް ޝަކުވާތައް އަޑުއައްސަވައި އެކަންތައް ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.
މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ދިޔައީ އިތުރު ބޮޑު މުޒާހަރާއެއް ބާއްވާނެ ކަން އިއުލާން ކުރަމުން 11:30 އެހާކަންހާއިރު އެވެ.
--------

ޑރ. ހަސަން ދިރިއުޅުއްވާ ގޭގެ ކައިރީގައި މުޒާހަރާ ކުރި އިރު އޭނާ ގޭގައި ވަޑައިގެން އުޅުއްވާ ކަން ވެސް ނުވަތަ ނޫންކަން ވެސް ސާފުވަފަ އެއް ނުވެ އެވެ.


- މިހާރު މުޒާހަރާ ހުއްޓާލިކަން ވަނީ އިއުލާނުކޮށްފި އެވެ. ފުލުހުން ދަނީ އެ ސަރަހައްދޫކޮށް ދިއުމަށް އެންމެނަށް އަންގަމުންނެވެ.

22:41- ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިލްޔާސް ލަބީބު ވެސް މުޒާހަރާގެ ތެރެއަށް ވަދެވަޑައިގެން އަލްހާނާއި ކާނާލް އާ ބައިވެރިވެ ވަޑައިގެންފި އެވެ. މުޒާހަރާ ދަނީ ހައްތާ ހޫނުވަމުންނެވެ. ކާނަލް އަށް ފުލުހުން އަނިޔާ ކުރި ކަމަށް ވިދާޅުވެ އޭނާ އަޑު ހަރު ކުރައްވާތަން ވެސް އެބަ އެވެ. ހައްތާ މީހުން ދަނީ އިތުރުވަމުންނެވެ.

22:39- މުޒާހަރާގެ ފޯރި ދަނީ ގަދަވަމުންނެވެ. ފުލުހުން ގެންދަނީ ހަސަންއީދު ދިރިއުޅުއްވާ ގެއާ ކައިރިއަށް އިތުރަށް ކައިރި ނުވެވޭ ގޮތަށް ބަަންދު ކުރުމަށެވެ. ފުލުހުންގެ އަމަލުތަކަށް ނުކިޔަމަންތެރިވެގެން ދެމީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

22:36- މި މުޒާހާރާ ހިނގަމުންދާއިރު އައްޑު އަތޮޅުގައި ވެސް މި މައްސަލައާ ދެކޮޅަށް ދަނީ މުޒާހަރާ ކުރަމުންނެވެ. އައްޑޫގައި ވެސް މުޒާހަރާ ކުރަނީ ހަސަން ސައީދާއި އިމާދު ސޯލިހާއި ދެކޮޅަށާއި އެ ދެބޭފުޅުން ނިސްބަތްވާ ޕާޓީއާ ދެކޮޅަށެވެ. އައްޑޫގައި އިމާދު ސޯލިހުގެ ބުދެއް ވެސް ވަނީ އަންދާލާފަ އެވެ.

22:30- ޑރ. ސައީދު ގޭގައި ކައިރީގައި މުޒާހަރާ ކުރާ މީހުންގެ ތެރެއަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަލްހާނާއި މުހައްމަދު ނަޝީދު ކާނަލް ވަދެވަޑައިގެން މުޒާހަރާ ލީޑުކުރަން ފަށައިފި އެވެ. އަދި އަލްހަނާއި ކާނަލް އެ ސަރަހައްދުގައި ތިބި ފުލުހުުންނާ ކުރިމަތިލައި ހަމަނުޖެހުންތައް ހިނގަމުން އެބަދެ އެވެ. މިހާރު އަނެއްކާވެސް އެގޭގެ ކައިރިއަށް އިތުރު މީހުން އެއްވާން ފަށައިފި އެވެ. އަދި އިތުރު ފުލުހުން ވެސް ދަނީ އަންނަމުންނެވެ.

21:24- ރައްޔިތުންގެ މަޖިލިސް ކުރާ ގޭގެ ކައިރީގައި ހުންނަ ޑރ. ސައީދު ދިރިއުޅުއްވާ ގޭގެ ކައިރީގައި ޝުއޫރުވ ފާޅު ކުރާ މީހުން އެކީ އެއް އަޑަކުން ގޮވަމުން ދަނީ ގައުމީ ޕާޓީ އުވާލުމަށެވެ. އަދި އިމާދު ސޯލިހާއި ޑރ. ސައީދަކީ އައްޑޫއަށް ހެޔޮ ނޭދޭ ދުޝްމަނުންތަކެއް ކަމަށެވެ.

21:19- މުޒާހަރާ ކުރަމުންދާ މީހުން ގޮވަމުންދަނީ ގައުމީ ޕާޓީއަކީ އައްޑު އަތޮޅުގެ ރައްޔިތުންގެ ދުޝްމަނުން ކަމަށާއި ގައުމީ ޕާޓީގެ ލިޑަރުންނަކީ އައްޑުއަށް ހެޔޮ އެދޭ ބައެއް ނޫން ކަމަށެވެ. އެއްވެ އުޅޭ މީހުންގެ ތެރޭގައި ގިނައީ ޒުވާނުންނެވެ. އެމީހުން ތިބީ އެކިއެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެނެވެ. ގާތްގަނޑަކަށް 30 ށް ޒުވާނުން އެބައުޅެ އެވެ. އެ ސަރަހައްދުގައި މިހާރު ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ޑރ. ހަސަން ސައީދު ގޭގައި ވަޑައިގެން އުޅުއްވާ ކަމެއް ނޭނގެ އެވެ.

ޑރ. ހަސަން ސައީދު ދިރިއުޅުއްވާ ގޭޭދޮށަން ބަޔަކު އެއްވެ މުޒާހަރާ ކުރަމުން އެބަދެ އެެވެ.
އައްޑޫއަށް ނިސްބަތްވާ ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ދިރިއުޅުއްވާ ގ. ޝޭޑީޕާމް ކައިރިޔަށް ބަޔަކު އެއްވެ މުޒާހަރާ ކުރަމުންދަނީ އެޕާޓީގެ ޑިޕިއުޓީ ލީޑަރު އިމާދު ސޯލިހް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އައްޑު އަތޮޅުގައި ސިޓީ ކައުންސިލެއް ހެދުމަށް ނިންމި ނިންމެވުމަކީ ބާތިލު ނިންމެވުމެއް ކަމށް މިއަދު ހުކުމް ކޮށްފައިވާތީ އެކަމާ ހިތްހަމަ ނުޖެހިގެނެވެ.
(ތަފުސީލު އަންނަނީ)