ދަވްޙާ (ޖުލައި 7): އިރާގުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް ފޯ އިރާގް އެންޑް ދަ ލެވެންޓް" (ދާޢިޝް ނުވަތަ އައިއެސް) އިން އިޢުލާންކޮށްފައިވާ އިސްލާމީ ޚިލާފަތުގެ ދައުލަތަކީ އިސްލާމީ ޝަރްޢުގައި ބާތިލް ދައުލަތެއް ކަމަށް ދަންނަބޭކަލުންގެ ބައިނަލްއަގްވާމީ އިއްތިޙާދުން ބުނެފި އެވެ.

ދުނިޔޭގައި މިވަގުތު ތިއްބެވި މުސްލިމުންގެ އަހްލުއްސުންނާވަލްޖަމާއަތުގެ (ސުންނަތް ޖަމާއަތުގެ) އިންތިހާދުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އައިއެސް ހިލާފަތަކީ އިސްލާމީ މަޝްރޫޢަށް ޚިދްމަތްކޮށްދިނުމުގެ ބަދަލުގައި މުސްލިމުންގެ މެދުގައި ބައިބައިވުމާއި ފިތުނައަށް މަގުފަހިވެގެންދާނެ ދައުލަތެއް ކަމަށް

އިރާގުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ "ދާޢިޝް" ނުވަތަ މިހާރުގެ ނަމުންނަމަ "އައިއެސް" އިން މިދިޔަ ހަފްތާގައި އިޢުލާންކޮށްފައިވާ އިސްލާމީ ޚިލާފަތުގެ ދައުލަތާ ބެހޭ ގޮތުން އެ އިއްތިޙާދު އިލްމުވެރިން މަޝްވަރާ ކުރެއްވުމަށްފަހު މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި އެ އިއްތިޙާދުގެ ރައީސް އަލްޢައްލާމާ ޑރ. ޔޫސުފް އަލްގަރްޟާވީ ވިދާޅުވީ މާތް ރަސޫލާ (ސޢވ)ގެ ނުބުއްވަތާއި އިސްލާމީ ޝޫރާގެ މިންހާޖާ އެއްގޮތަށް އިސްލާމީ ޚިލާފަތުގެ ދައުލަތެއް އުފެއްދުމަށް މުސްލިމުން ކެތްމަދުވެފައިވާ ކަމަށެވެ. ނަމަވެސް މުސްލިމުންގެ ލޭ އޮހޮރުވައި މުސްލިމުންނާ ދެކޮޅަށް ހަރުކަށި އަމަލުތައް ހިންގުމުގައި ނަން މަޝްހޫރުވެފައިވާ އަދި މުސްލިމުންގެ ގިނަ ބައެއްގެ ހިތްތަކުގައި ނުބައި ޖަމާއަތެއްގެ ގޮތުގައި ސޫރަކުރެވިފައިވާ ޖަމާއަތަކުން އެކަން ކުރުމަކީ އެކަމުގެ ހަގީގީ ބޭނުމާއި މަގްސަދާމެދު އެތަށް ސުވާލެއް ކުރެވޭ އަދި އިސްލާމީ މަޝްރޫޢަށް ޚިދްމަތްކޮށްދިނުމުގެ މަތިވެރި މަގްސަދުގައި ކޮށްފައިވާ ކަމެއް ކަމަށް ނުބެލެވޭނެ ކަމުގަ އެވެ.

އަދި އެއް ލަނޑުދަނޑިތަކެއް ހާސިލްކުރުމަށް މަސައްކަތްކުރާ އެތަށް ޖަމާއަތެއްގެ ތެރެއިން އެންމެ ޖަމާއަތަކުން އެހެން ޖަމާއަތްތަކާ އެއްވެސް ވަރަކަށް މަޝްވަރާނުކޮށް އަދި އެހެން މުސްލިމުންގެ މަޝްވަރާ އާއި ރައުޔު އެއްވެސް ވަރަކަށް ނުހޯދައި އެކަހެރި ގޮތެއްގައި އަމިއްލަ އަމިއްލައަށް މިފަދަ ބޮޑު ކަމެއް އިއްލާން ކުރުމަކީ ޝުހުރަތު ހޯދުމާއި އަމިއްލަ އެދުން އޭގައި ނެތް ކަމެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ވެސް މިބަޔާން ބުނެ އެވެ. އަދި މިކަމުގެ ސަބަބުން އިރާގާއި ސޫރިޔާގެ އަހްލުއްސުންނާވަލްޖަމާއަތުގެ މީސްތަކުންނާއި ސުންނީ ގަބީލާތަކުގެ މެދުގައި ނުރައްކާތެރި ބައިބައިވުންތަކެއް އުފެދޭނެކަމުގެ އިންޒާރު ވެސް ޑރ. އަލްގަރްޟާވީ ސޮއިކުރައްވައި ދުނިޔޭގެ އަހްލުއްސުންނާވަލް ޖަމާއަތުގެ ދަންނަބޭކަލުންގެ ބައިނަލްއަގްވާމީ އިއްތިޙާދުން ނެރުނު ބަޔާނުގައި ވެ އެވެ. މިބަޔާނުގައި މުސްލިމުންގެ މުޅި އުންމަތާ އެއްވެސް މަޝްވަރާ ކުރުމެއް އަދި ހޭ އަހާލުމެއް ވެސް ނެތި މަދު އަދަދެއްގެ ބަޔަކު އެކުލެވޭ ޖަމާއަތެއްގެ ބަޔަކު އިސްލާމީ ޚިލާފަތެއް އިޢްލާން ކުރުމާއި "މުސްލިމުންގެ ޚަލީފާ"ގެ ނަމުގައި އެ ޖަމާއަތުގެ ވެރިޔާ މީހަކު އަމިއްލައަށް ޚަލީފާ ކަމަށް ދައުވާކޮށް އޭނާއަށް ތަބާވެ ކިޔަމަން ގަތުމަށް މުސްލިމުންގެ މުޅި އުންމަތަށް އަމުރުކުރުމަކީ "ވާޤިޢުގެ ފިގްހު" އާއި އިސްލާމީ ޝަރްޢީ މިންގަނޑުތަކާ މުޅިން ޚިލާފު ކަމެއް ކަމަށް ވެސް އިސްލާމީ ދަންނަބޭކަލުން އިއްތިޙާދުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އިސްލާމީ ޖިހާދަށް ގޮވާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އުރުދުންގެ ސަލަފީ ފިކުރުގެ އެންމެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަލްޢައްލާމާ ޢިސާމް އަލްބަރްގާވީ (އަބީމުހައްމަދުލްމަގްދިސީ) ވެސް ވަނީ ހަމަ މިމޭރުމުން ދާޢިޝްގެ އިސްލާމީ ޚިލާފަތުގެ ދައުލަތާ ދެކޮޅަށް ބާޔާނެއް ނެރުއްވާފަ އެވެ. (އަލްޖަޒީރާ)