ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ މެމްބަރުންގެ ނިޒާމީ މައްސަލަތައް ނަންގަވައި، އަޑުގަދަ ކުރައްވަން ފެއްޓެވުމުން، ޖަލްސާ ކުރިއަށް ނުގެންދެވިގެން މެދުކަނޑާލައިފި އެވެ.

ނިޒާމީ މައްސަލަތައް މިއަދުގެ ޖަލްސާއަށް ނަންގަވަން ފެށީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނެވެ. އެ ބޭފުޅުންގެ ކަންބޮޑުވުން ފާޅުކުރެއްވީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތާއުފީގާއި އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހުމަދު ފަޔާޒު ހުސައިން އެ ކޮމިޝަނުން ވަކިކުރައްވާފައިވުމުން، އެ ކޮމިޝަނުން ހުސްވެފައިވާ މެމްބަރުކަމުގެ ގޮނޑިއަށް ބޭފުޅުންތަކެއް އައްޔަން ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގަ އެވެ.

ނިޒާމީ މައްސަލައެއްގައި ވާހަކަފުޅު ދައްކަވަމުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އެ ކޮމިޝަންގެ މެމްބަރުން މަގާމުން ވަކިކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށާއި ގާނޫނު އަސާސީ އާއި އިލެކްޝަންގެ ކޮމިޝަންގެ ގާނޫނުން އެ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު މަތިކޮށްފައި ވަނީ މަޖިލީހަށް ކަމަށެވެ.