ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ދަތުރުކުރުމަކީ އާޖެންޓީނާގެ ފުރަތަމަ އަމާޒު ކަމަށާއި ދެން އޮތް އަމާޒަކީ އިތުރަށް ކުރިއަށް ދިއުން ކަމަށް އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފި އެވެ.

އުމުރުން 27 އަހަރުގެ ފޯވަޑްގެ ފަރާތުން މި މުބާރާތުގައި ވަރަށް ރަނގަޅު ކުޅުމެއް ވަނީ ފެނިފަ އެވެ. މި މުބާރާތުގައި މެސީގެ ފަރާތުން ހަތަރު ލަނޑު ފެނިފައިވާ އިރު، އާޖެންޓީނާ ކުޅޭ ކޮންމެ މެޗަކުން އެ ޓީމަށް ކާމިޔާބީ ލިބެނީ އޭނާގެ ބޮޑު ހިއްސާއަކާ އެކު އެވެ.

"އަހަރެމެންގެ ފުރަތަމަ އަމާޒު ފުރިހަމަވެއްޖެ. އަހަރެމެންގެ ފުރަތަމަ އަމާޒަކީ ގަދަ ހަތަރެއްގައި ހިމެނުން،" ނޫސްވެރިންނާ ވާހަކަދައްކަމުން މެސީ ބުންނެވެ. "ދެން އަހަރެމެން ބޭނުމީ މިއަށްވުރެ ކުރިއަށް ދާން. ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުން އަހަރެމެންނަށް ގިނަ ތަޖުރިބާތަކެއް ލިބިއްޖެ. ދެން އަހަރެމެން ވިސްނާނީ ކުރިއަށް އޮތް މެޗާ ދޭތެރޭ. އަހަރެމެން މިހިރީ ތައްޔާރަށް."

މެސީ ބުނީ، ކުއާޓާ ފައިނަލުގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅެ 1-0 ލަނޑުން އާޖެންޓީނާ މޮޅުވި މެޗަކީ އެ ޓީމުން ވަރަށް ބުރަ މަސައްކަތެއް ކުރި މެޗެއް ކަމަށާއި އެހެން މެޗުތަކާ ހިލާފަށް އެ މެޗުގައި އެ ޓީމުން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ކަމަށެވެ.

ސެމީ ފައިނަލުގައި އާޖެންޓީނާ ނުކުންނަން ޖެހޭނީ ހިތްވަރުގަދަ ކޮސްޓަ ރިކާ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވި ނެދަލެންޑްސްއާ ދެކޮޅަށެވެ. ބްރެޒިލްގެ ސައޮ ޕޯލޯ ސިޓީގެ އެރީނާ ކޮރިންތިއަންސްގައި ކުޅޭ އެ މެޗަށް އާޖެންޓީނާ ނުކުންނާނީ އަންނަ ބުދަ ދުވަހުގެ ރޭ 01:00 ގައެވެ.