މެޗުގެ 25 ވަނަ މިނެޓުގައި ވިކްޓަރީން ލަނޑު ޖަހައި މެޗުގެ ކުރި ހޯދާފައި ވަނިކޮށް ފަހަތުން އަރައި ފަސޭހަ ކަމާ އެކު 5-1 ލަނޑުން ވިކްޓަރީ ބަލިކޮށް ދިރާގް ދިވެހި ލީގުގައި މިރޭ ކުޅުނު މެޗް މާޒިޔާއިން ކާމިޔާބު ކޮށްފި އެވެ.

މި މޮޅާއެކު މާޒިޔާ ވަނީ ލީގުގައި އެޓީމު މިހާތަނަށް ކުޅުނު ތިިން މެޗުން ހަތް ޕޮއިންޓު ހޯދައިގެން މިވަގުތަށް ލީގުގެ ދެވަނައަށް ކުރިއަށް ޖެހިލައިފައެވެ. ކުޅުނު ތިން މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު ވިކްޓަރީ އޮތީ ލީގުގެ ހަތްވަނައިގައެވެ. ލީގުގެ އެއް ވަނަ މަގާމް ގައި އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު އީގަލްސް އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ވިކްޓަރީން ޖެހީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ނެވެ. ވިކްޓަރީއަށް ލިބުނު ޕެނަލްޓީއަކީ މެޗުގެ 25 ވަނަ މިނެޓުގައި މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ ޑިފެންޑަރު މުހައްމަދު ސަމްދޫހް އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. އެ ޕެނަލްޓީ ވިކްޓަރީއަށް ކާމިޔާބު ކޮށްދިނީ ބިދޭސީ ފޯވާޑް ވިކްޓާ ބްރަނިމިރޮވް އެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ވިކްޓަރީން ލީޑް ނެގިތާ ހަތަރު މިނެޓް ފަހުން މާޒިޔާއިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. އެލަނޑު މާޒިޔާއަށް ކާމިޔާބު ކޮށްދިނީ އަޝްއަދު އަލީ (އަޑޭ) އެވެ. އަޑޭ މި ގޯލު ވިކްޓަރީ ކޮޅަށް ވައްދާލީ އެ ޓީމުގެ ރިލްވާން ނަގައިދިން ހިލޭ ޖެހުމަކުން ލިބުނު ބޯޅަ ބޮލުން ޖަހައެވެ.

މެޗުގައި މާޒިޔާއަށް ލީޑް ނަގައި ދިނީ ފުރަތަމަ ހާފް ނިމެން ދަނިކޮށް ޑިފެންޑަރު ސަމްދޫހް ނަގައި ދިން ހިލޭ ޖެހުމަކުން ޒުވާން މިޑްފީލްޑަރު މުހައްމަދު އިރުފާނެވެ. އަދި ވިކްޓަރީގެ މައްޗަށް މާޒިޔާއިން ލީޑް ފުޅާކުރީ މެޗުގެ ދެ ވަނަ ހާފުގެ 53 ވަނަ މިނިޓުގައި މާޒިޔާގެ ބިދޭސީ ފޯވާޑް ރިސްތޭ ނައުމޯވް އެވެ. އަދި މާޒިޔާގެ ހަތަރު ވަނަ ލަނޑު އެޓީމަށް މެޗުގެ 73 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު އަހުމަދު ނާޝިދު (ނާއްޓޭ) އެވެ. އަދި އޭގެ ދެ މިނެޓް ފަހުން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ވަނީ އެޓީމުގެ ފަސް ވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މާޒިޔާއިން މިރޭ ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗަކީ، ވިކްޓަރީގެ ކުރީގެ ލެޖެންޑް އަދި ކޯޗު އަލީ ސުޒޭން މާޒިޔާއާ ހަވާލުވިފަހުން ވިކްޓާރީއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ.