އަތޮޅު ތެރޭގެ ރަށު ކޯޓެއްގެ މެޖިސްޓްރޭޓަކާ ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް އިންޒާރުދީ، މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ދުވަސްވީ މީހަކު ހައްޔަރުކޮށްފިއެވެ.

މިިދިޔަ މަހުގެ 29 ވަނަ ދުވަހު މެންދުރުނަމާދަށް ފަހު މެޖިސްޓްރޭޓް މިސްކިތުން ފޭބިވަގުތު، އެ މެޖިސްޓްރޭޓާ ހަޑިހުތުރު ބަހުން މުއާމަލާތްކޮށް އިންޒާރުދީ، މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 68 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.
މިހާތަނަށް ބެލި ބެލުމުން އެނގިފައިވާގޮތުގައި، އޭނާ މެޖިސްޓްރޭޓާ ހަޑިހުތުރު ބަހުން މުއާމަލާތްކޮށް އިންޒާރުދީ، މާރާމާރީ ހިންގަން މަސައްކަތް ކޮށްފައިވަނީ އޭނާއާމެދު ތުހުމަތު ކުރެވުނު ފަންޑިތަ ހެދުމުގެ މައްސަލައަކާ ގުޅިގެން، އޭނާ ދިރިއުޅޭ ތަން ބަލައި ފާސްކުރަން އެ މެޖިސްޓްރޭޓް ދިން ކޯޓް އަމުރަކާމެދު ހިތްހަމަނުޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އެހެން ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ފަސް ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެެވެ.

މެޖިސްޓްރޭޓާއި ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް އިންޒާރުދީ، މާރާމާރީ ހިންގަން މަސައްކަތްކުރި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ދަނީ ތަހުގީގު ކުރަމުންނެވެ.