ނިއު ރޭޑިއެންޓް ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ޓާފް ދެ ނަންބަރު ދަނޑުގައި ފަރިތަކުރުންތައް ކުރިއަށް ގެންދަނިކޮށް އެފްއޭއެމްގެ ރައީސް އިލްހާމް އަހްމަދު އެކަމަށް ހުރަސްއެޅި ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އެފްއޭއެމް އިން ބުނެފިއެވެ.

އެފްއޭއެމްއިން މިރޭ ނެރުނު ކުރު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ނިއު ރޭޑިއެންޓް އަދި އެހެން ކްލަބެއްގެ ވެސް ފަރިތަކުރުންތަކަށް އެފްއޭއެމްގެ ރައީސް އަދި އެ އިދާރާގެ އެހެން މުވައްޒަފަކު ވެސް ހުރަސް އަޅާފައި ނުވާ ކަމަށެވެ. އަދި ކްލަބްތަކުގެ ފަރިތަކުރުންތައް ބާއްވާ ގަޑިތައް ކްލަބްތަކުގެ މަޝްވަރާގެމަތިން ހަމަޖައްސައި އެފްއޭއެމް އިން އަބަދުވެސް ކްލަބްތަކަށް ދަނޑު ދޫކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެފްއޭއެމްއިން ބުނީ ފަރިތަކުރުންތަކަށް ދަނޑު ނުލިބިގެން މިހާތަނަށް އެއްވެސް ކުލަބަކުން އެކަމުގެ ޝަކުވާ ހުށަހަޅާފައި ނުވާ ކަމަށާއި ހަމަޖެހިފައިވާ އުސޫލުގެ މަތިން ކޮންމެ ކްލަބަކަށް ވެސް ދަނޑު ދޫކުރަމުން އަންނަ ކަމަށެވެ.

އެއްވެސް އަސްލެއް ހަގީގަތެއް ނެތް ދޮގު ވާހަކަތައް އެ އިދާރާއާ ބެހޭ ގޮތުން ފަތުރަމުން ދާތީ އެކަމާ ހިތާމަ ކުރާ ކަމަށާއި އެފަދަ ވާހަކަތަކަށް ނުބަލައި ރާއްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެ އިދާރާއިން ކުރާނެ ކަމަށް ވެސް އެފްއޭއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި އެފްއޭއެމާއި ނިއުއާ ދެމެދު މައްސަލަތަކެއް އުފެދުނީ،މި މަހުގެ އެއް ވަނަ ދުވަހުގެ ރޭ ނިއު އިން ފަރިތަކުރަމުން ދިޔަ ވަގުތު ދެނަންބަރު ޓާފް ދަނޑުގެ އެއްފަޅިއަށް އެފްއޭއެމްގެ ރައީސާއި އޭނާގެ ރައްޓެހިންތަކެއް ކުޅެން އެރުމުންނެވެ. އަދި އެފްއޭއެމުން ނިއުގެ ޑިސިޕްލިނަރީ މައްސަލައެއް ބަލަން ހަމަޖެހިފައި ވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.