އަވައްޓެރި ސްރީ ލަންކާއާއި މިޔަންމާގައި އެ ދެގައުމުގެ ބުދުދީނުގެ އަހުލުވެރިން މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ހަރުކަށި އަމަލުތައް ހުއްޓައިލުމަށް ޓިބެޓްގެ ރޫހީ ލީޑަރު ދަލައި ލާމާ ގޮވާލައްވައިފި އެވެ.

ދަލައި ލާމާގެ 79 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން އޭނާއަށް ތަބާވާ އެތަކެއް ހާސްމީހުންނާއެކު ހޮލީވުޑްގެ ފިލްމީ ތަރި ރިޗަޑް ގިއާވެސް ބައިވެރިވި އެއްވުމެއްގައި ދަލައި ލާމާ ވިދާޅުވީ، އާބާދީގައި ބުޑިސްޓުންގެ އަޣްލަބިއްޔަތު އޮންނަ ދެގައުމުގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް އެ ދެގައުމުގައި މިފަހަކަށް އައިސް ހިންގަމުން އަންނަ އަނިޔާވެރި އަމަލުތަކަކީ ގަބޫލުކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.

"އަހަރެން މި ދެ ގައުމުގެ ބުދު ދީނުގެ އަހުލުވެރިންނަށް ގޮވައިލަން އެފަދަ ބޮޑު ޖަރީމާއެއް ހިންގާއިރު ތިޔަބައިމީހުންގެ އަމިއްލަ އަގީދާއާ ދޭތެރޭގައި ވިސްނާލަން،" އުތުރު އިންޑިއާގެ ހިމާލިޔާގެ ޖަމްމު ކަޝްމީރުގެ އުސް ސަރަހައްދުގައި ވާހަކަ ދައްކަމުން އަރުވާލެވިފައިވާ ޓިބެޓް ރޫހީ ލީޑަރު ވިދާޅުވި ކަމަށް އޭއެފްޕީގައި ބުނެފައި ވެއެވެ.

ދަލައި ލާމާ ވަނީ، އިރާގުގައި އެގައުމުގެ މުސްލިމް ދެ މަޒުހަބުގެ އަރައިރުންތަކުގައި އެތަކެއް ސަތޭކަ ބަޔަކު މަރަމުންދާތީ އެކަމާވެސް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ނަސްލީ ހަމަނުޖެހުންތަކުގެ ޝިކާރައަކަށް ވެފައިވާ، މިޔަންމާގައި 2012 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ސިޔާސީ އަދި ދީނީ ހަމަނުޖެހުންތަކުގައި އެގައުމުގެ ބައިމަދު މުސްލިމް އާބާދީއަށް އަމާޒުކޮށްގެން ދެމުން ގެންދާ ހަމަލާތަކުގައި އެތަކެއް ސަތޭކަ މުސްލިމުން މަރާލާފައި ވެއެވެ.

ލަންކާގައި މިހާތަނަށް ހިންގި އެންމެ ނުރައްކާތެރި ދީނީ ހަމަނުޖެހުން ތަކުގައި، އެގައުމުގެ ބުޑިސްޓުން ވަނީ، މުސްލިމުންގެ ހަތަރު މީހަކު މަރާލައި، މުސްލިމުންގެ އެތަކެއް ސަތޭކަ ގެތަކާއި ބޮޑެތި ވިޔަފާރިތަކަށް ގެއްލުންދީ ހުޅުޖަހައި ހަދައިފައެވެ.

ޓިބެޓުން ޗައިނާ ސަރުކާރާ ދެކޮޅަށް 1959 ވަނަ އަހަރު ގެންނަން އުޅުނު ނާކާމިޔާބުވި އިންގިލާބަށް ފަހު ދަލައި ލާމާ އުޅުއްވަނީ އިންޑިއާގެ ހިމާޔަތުގަ އެވެ.