09 Jan 2011, 20:51
އިދިކޮޅު ފަރާތްތަކުން ޖެއްސުންކުރި ނަމަވެސް އައްޑޫއަށް ސީޓީއެއްގެ ދަރަޖަ ދިނުމަށް ކުރަމުން ގެންދާ "ޖިހާދު" ހުއްޓާނުލާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
އައްޑޫ ސިޓީ ކައުންސިލް ހެދުމަށް ސަރުކާރުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ސިވިލް ކޯޓުން މިއަދު ކަނޑައަޅައި ހުކުމް ކުރުމުން އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނަނީ އައްޑުއަށް ނިސްބަތްވާ ޕާޓީއެއް ކަމަށް ބުނާ ޑރ. ހަސަން ސައީދުގެ ގައުމީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އިމާދު ސޯލިހު، ސިޔާސީ ބޭނުމަކަށްޓަކައި އައްޑޫ ރައްޔިތުންގެ ވިންދާ އިހުސާސްތަކަށް ބެލުމެއްނެތި އައްޑޫ ސިޓީއަކަށް ހެދުމަށް ހުރަސްއެޅުމުގެ ގޮތުން މަސައްކަތް ކުރަމުންދާތީ، އެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކުރާ ކަމަށާއި އައްޑޫ ސިޓީއަކަށް ހެދުމަށް އެއަތޮޅުގެ ރައްޔިތުން ކުރަމުންދާ ޖިހާދުގައި އެމްޑީޕީން އެންމެ ފުރިހަމައަށް ބައިވެރި ވާނެ ކަމަށެވެ.
"... އައްޑޫ ސިޓީއަކަށް ހެދުމަށް އެއަތޮޅުގެ ރައްޔިތުން ކުރަމުންދާ ޖިހާދުގައި އެމްޑީޕީގެ ލީޑާޝިޕާއި، މިޕާޓީގެ 45000 މެންބަރުން އަތާއި އަތްގުޅާލައި، މި ޖިހާދުގައި މިޕާޓީން އެންމެ ފުރިހަމައަށް ބައިވެރިވާނޭ ކަމާއި، މި މަސައްކަތް ހުޢްޓާލާނީ އައްޑޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށްފަހުގައި ކަމުގެ ފުރިހަމަ ޔަޤީންކަން މި ޕާޓީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ދެއްވާކަން އުފަލާއެކު ފާހަގަކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
ގައުމީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އިމާދު ސޯލިހާއި ސ. ފޭދޫ ޑޭލައިޓް އަބްދުލް ހަކީމް އަހުމަދު ދީދީ ހުށަހެޅި މައްސަލަ ބެއްލެވުމަށް ފަހު ސިވިލް ކޯޓުން މިއަދު ހުކުމްކުރައްވާފައި ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީން ޝަރުތުތައް ކަނޑައަޅާފައި ނުވާތީ އައްޑޫ ސިޓީ ކައުންސިލް ހެދުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެން ނުވާ ކަމަށެވެ.
އެހުކުމާއި ގޫޅޭގޮތުން ދައުލަތުގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު މިއަދު ވިދާޅުވީ ސިވިލް ކޯޓުން ނިންމި ނިންމުން ސަރުކާރުން ގަބޫލުނުކުރާ ކަމަށާއި ދަށުކޯޓުގެ ހުކުމް މާދަމާ ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައި އިދިކޮޅު ފަރާތްތަކުން ގައުމުގެ ތަރައްގީ އަށް ހުރަސްއެޅުމަށް ކުރާ އަމަލުތަކުން އިބުރަތް ހާސިލްކޮށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓުނުދިނުމަށް ގޮވާލާފައި ވެއެވެ.
"... އިދިކޮޅު ފަރާތްތަކުގެ މިފަދަ އަމަލުތަކުން އިބުރަތް ލިބިގަނެ ރަށާއި، އަތޮޅަށް އަދި ޤައުމަށް ތަރައްޤީ ގެންނެވުމަށް މި ސަރުކާރުންކުރާ މަސައްކަތުގައި އެއްބާރުލުން ދޭނެ ފަދަ ފަރާތްތަކަކަށް ކައުންސިލް އިންތިޚާބުގައި ތާއީދުކުރުމުގެ ވިސްނުން ގެންގުޅުމަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް މިފުރުސަތުގައި ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.